މާލެ: 31°C
ކުއްޖަކަށް އަނިޔާކުރި މައްސަލަ ބެލުމަށް ރަސްދޫއަށް ހާއްސަ ޓީމެއް ހިނގައްޖެ

ކުއްޖަކަށް އަނިޔާކުރި މައްސަލަ ބެލުމަށް ރަސްދޫއަށް ހާއްސަ ޓީމެއް ހިނގައްޖެ

April 6, 2024
2 ފަހަރު ބަލާފައި
ކުއްޖަކަށް އަނިޔާކުރި މައްސަލަ ބެލުމަށް ރަސްދޫއަށް ހާއްސަ ޓީމެއް ހިނގައްޖެ
މިސްކިތެއްގެ ފާހާނާ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވެ، އެކަންތައް އާއްމުންގެ ސަމާލުކަމަށް އައިސްފައިވާއިރު، އެ މައްސަލަ ބެލުމަށް ކަމާ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ހާއްސަ ޓީމެއް އއ.ރަސްދޫއަށް ހިނގައްޖެއެވެ. މި މައްސަލައާ ބެހޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ފުލުހުންނާއި، ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް އަދި ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސްގެ ކަމާ ބެހޭ ޓީމެއް އެރަށުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި މައްސަލާގައި ހޯމްލޭންޑް މިނިސްޓަރު އިހްސާން “އެކްސް”ގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ކުޑަ ކުއްޖާއަށް އަނިޔާ ކުރިކަމަށް ތުހުމަތުކުރެވޭ 14 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކު ފުލުހުންގެ މަސައްކަތުން ވަނީ ދެނެގަނެވިފައި ކަމަށެވެ. "މިމައްސަލާގައި ޤާނޫނީ ގޮތުން ދެންކުރަން ޖެހޭ ކަންކަން ފުލުހުން ގެންދަނީ ކުރަމުން،" ދާހިލީ ވަޒީރު ވިދާޅުވިއެވެ. ސޯޝަލް މީޑިއާގައި ރޭ އާއްމުވި މި ވީޑިއޯގައި ފެންނަނީ ކުއްޖަކު މިސްކިތެއްގެ ފާހާނާ ތެރެއަށް ވައްދައިގެން އެކުއްޖާއާ ހަނގާކޮށް އަނިޔާކުރާ މަންޒަރެވެ. އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެ، ރައްޔިތުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ބުލީކުރާ އެ މަންޒަރު ފެންނަ ވީޑިއޯ ދައުރުނުކުރަން އެދޭކަމަށާއި، ފުލުހުން އެ ކަން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އޭގެ އިރުކޮޅެއްފަހުން ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ވިދާޅުވެފައިވަނީ، އެކަންކުރި ކަމަށް މިހާތަނަށް ޔަގީންކުރެވިފައިވަނީ އއ. ރަސްދޫގައި ކަމަށާއި، އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންދާ ކަމަށެވެ. އުފެދުމުގައި ހުންނަ ނުކުޅެދުންތެރިކަމަކުން، ނުވަތަ ސިފައަކުން ކުދިންނަށް ހަނގާކޮށް ހެދުމަކީ ރާއްޖޭގައިވެސް ވަރަށް އާއްމު ކަމެކެވެ. އެ ބާވަތުގެ ކުދިންނަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ދޭތެރެއަކުން ސޯޝަލް މީޑިއާއިން ފެންނަމުންދާއިރު، ރާއްޖޭގެ ސްކޫލުތަކުގައި މިކަމަކީ މިހާރު ވަރަށް އާއްމު ކަމެއްކަން މިފަދަ ވީޑިއޯތަކަށް ބަލާލުމުން ދޭހަވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ