މާލެ: 31°C

މިސްކިތްތައް އާބާތުރަ ފިލުވަން މާލެ ސިޓީ ކައުންސިލަށް ހަތް ލައްކަ ރުފިޔާގެ އެހީ

January 8, 2023
2 ފަހަރު ބަލާފައި
މިސްކިތްތައް އާބާތުރަ ފިލުވަން މާލެ ސިޓީ ކައުންސިލަށް ހަތް ލައްކަ ރުފިޔާގެ އެހީ
މިސްކިތްތައް އާބާތުރަ ފިލުވަން މާލެ ސިޓީ ކައުންސިލަށް ހަތް ލައްކަ ރުފިޔާގެ އެހީ
އަންނަ ރަމަޟާންމަހާއި ދިމާކޮށް، މާލެ މިސްކިތްތައް އާބާތުރަ ފިލުވާ، މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހޯދަން، މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ "ޗާލު މިސްކިތް" ފަންޑަށް ދެ ދުވަހުން ހަތް ލައްކަ ރުފިޔާ ލިބެއްޖެ އެވެ. މި ހަފްތާ ބަންދާއި ދިމާކޮށް، ދެ ދުވަހަކަށް ބަހާލައިގެން، އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަށް ޖުމްލަ  744713.90 ރުފިޔާ ލިބިފައިވާ ކަން އެ ކައުންސިލުން ބުންޏެވެ. ހުކުރު ދުވަހު އެކަނިވެސް ތިން ލައްކަ ރުފިޔާ ލިބިފައިވާކަން ފާހަަގަކުރެވެއވެ. މާލޭ ސިޓީ ކައުންސިލުން ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން  1 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައި ވަނިކޮށެވެ. ނަމަވެސް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ގޮތުގައި އެއީ މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއް މަރާމާތު ކުރުމަށް އެކަށޭނެ ބަޖެޓެއް ނޫނެވެ. އޭނާ ވިދާޅުވީ މީގެ ކުރިން އެކަމަށް 10 މިލިއަން ރުފިޔާ ސިޓީ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އިތުރަށް ގާތްގަނޑަކަށް 14 މިލިއަން ހަރަދު ކުރަން ޖެހޭނެ ކަމުގައި އަންދާޒާ ކުރައްވާފައި ވެއެވެ. އެހެން ނަމަވެސް މި ހަރަކާތް ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީއިން މުޅިން ދެކޮޅެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ މިސްކިތްތައް މަރާމާތު ކުރުމަށް ސިޓީ ކައުންސިލަށް ދޫކޮށްފައިވާ ފައިސާ ހަރަދު ކުރެވުނު ގޮތް ސާފުވެފައި ނުވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވާ، މިސްކިތްތައް މަރާމާތުކުރުމަށް އިސްލާމިކް މިނިސްޓްރީ ކޮންމެ އަހަރަކަށްވެސް ވަކި ބަޖެޓެއް ކަނޑައަޅައެވެ. ދައުލަތުގެ މީޑިޔާއާއި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވެފައި ވަނީ 2020 ވަނަ އަހަރު އެ މަސައްކަތް ކުރުމަށް އެއް މިލިއަން ރުފިޔާގެ ބަޖެޓެއް ދޫކޮށްފައި ވީނަަމަވެސް، އެ ފައިސާ ބޭނުންކުރި ގޮތުގެ ރިޕޯޓު ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ 2021 ވަނަ އަހަރުވެސް ބޭނުން ކުރެވޭނެ ކަމަށް އެންގި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއަށްފަހު 2021 ވަނަ އަހަރު ނިމުނު އިރުވެސް އެ ފައިސާ ބޭނުން ކުރި ގޮތުގެ ރިޕޯޓު ހުށަހަޅާފައި ނުވާތީ ސުވާލު ކުރުމުން، ސިޓީ ކައުންސިލުން އެފައިސާ ބޭނުން ނުކުރާ ކަމަށާއި އެފައިސާ އެބަހުރިކަމަށް އޭރު ބުނެފައިވާކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، މި އަހަރުވެސް 2 މިލިއަން ރުފިޔާގެ ބަޖެޓެއް މާލެ މިސްކިތްތައް މަރާމާތު ކުރުމަށް ކަނޑައެޅުމަށްފަހު، އެކަން ސިޓީ ކައުންސިލަށް އެންގި ކަމަށެވެ. އެ ފައިސާ ދޫކުރުމުގެ ބަދަލުގައި މިސްކިތްތައް މަރާމާތު ކުރުމަށް ހިނގާ ހަރަދުގެ ބިލްތައް މިނިސްޓްރީއަށް ހުށަހެޅުމުން އެ ބަޖެޓު ހަމަޖެހޭނެ ކަމަށް އެންގިފައި ވީނަމަވެސް ސިޓީ ކައުންސިލުން މިދިޔަ އަހަރުވެސް އެއިން އެއްވެސް މާލީ މުއާމަލާތެއްގެ ތަފްސީލް ހުށަހަޅާފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ކަންބޮޑުވުން ފާޅު ކުރެއްވީ މިވީ ތިން އަހަރު ތެރޭގައި ޖުމްލަ ތިން ލައްކަ ރުފިޔާގެ ބަޖެޓެއް އެ ކައުންސިލަށް ދޫކޮށްފައިވާއިރު، އެ ފައިސާ ބޭނުންނުކޮށް މާލެ މިސްކިތްތައް އާބާތުރަ ފިލުވުމުގެ ނަމުގައި ފަންޑު ރައިސިންގްތައް ބާއްވަމުން ގެންދާތީ އެވެ. މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ