މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައި ހުންނަ ކޯއްޓޭއަށް ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުން އޮތީ ރޭގައެވެ.
މިފަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އެގޮތުން ސްކޫލުކުދިންގެ އައިޓަމްތަކާއި، ސިފައިންގެ ހެވިކަމާއި ކުޅިވަރާއި، ހަވާ އެރުވުމުގެ އިތުރުން ވެސް އެކި ހަރަކާތްތައް ރޭވިފައިވެއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތައް:
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ރޭ
- މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު
- ރަސްމީ ޖަލްސާ ، މިހާރު ކުރިއަށް ދަނީ ، މި ޖަލްސާގައި ގައުމީ އިނާމު ދިނުން އޮންނާނެ
- ރާއްޖޭގެ އެކި ރަށްރަށުގައި މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ދެއްކުމަށް ޓީވީ ކަވަރޭޖެއް.
- ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު މިރޭ 8:30 ގަ ގަލޮޅު ދަނޑުގަ
- ބުރާސްފަތި ދުވަހުގެ ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި ޕެރޭޑް.
- ބުރާސްފަތި ދުވަހުގެ ރޭ މަޖީދީ މަގާއި ސޯސަން މަގާއި މެދުޒިޔާރަތް މަގުގައި އަދި ހުޅުމާލޭގައި ފުޅަނދުބުރު.
- ހުކުރު ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފުޅަނދު ބުރުތައް ދައްކާލުން.
- ހުކުރު ދުވަހުން ފެށިގެން އަންނަ މަހު 3 އަށް މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ހުޅުމާލޭގައި ކާނިވަލެއް
މި ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެސް ވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއަހަރު ފާހަގަކުރަނީ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައެވެ.