މިހާރު ކުޑަގިރި މުޅިން ނިމިފައިވާއިރު އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް އެ ރަށުގައި ވަނީ ގާއިމުކޮށްފަ އެވެ.
އެ ގޮތުން ކުޑަގިރިއަށް ޕިކްނިކަށްދާ މީހުންނަށް ކޮންމެހެން ބޭނުންވާނެ އަސާސީ ހިދުމަތްތައް ކަމަށްވާ ފާހަނާ، ޗޭންޖިން ރޫމް އަދި ނާސިން ރޫމްވެސް ވަނީ ގާއިމުކޮށްފަ އެވެ. އޭގެ އިތުރުން މިސްކިތަކާއި، ކްލިނިކަކާއި، ކޮންވީނިއެންސް ސްޓޯ އަދި ރީޓެއިލް ސްޓޯރުގެ އިތުރުން ކެފޭއެއްވެސް ގާއިމުކޮށްފައިވެ އެވެ.
އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކުޑަރިގީގައި ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެއެވެ.
ކުޑަގިރި އާންމުންނަށް ހުޅުވާލެވިގެންދާއިރު ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް މިތަނުގައި ކައިވެނީގެ ހަފުލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށްވެސް ފުރުސަތު އޮންނާނެ އެވެ.
މާލެއިން ފުރައިގެން ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ތެރޭގައި ދެވޭ މިރަށަށް ދަތުރުދާން ބޭނުންވާ މީހުންނަށް ދަތުރުކުރުމަށް ބޭނުންވާ އިންތިޒާމުތައް ވެސް އެޗްޑީސީން ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން މާލެއިން ނުވަތަ ހުޅުމާލެއިން ޓިކެޓް ނަގައިގެން ދެވޭނެ އިންތިޒާމް ހަމަޖައްސާނެއެވެ.







