މާލެ: 31°C
މިފަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 4 ބޭފުޅަކަށް ލިބޭނެ

މިފަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 4 ބޭފުޅަކަށް ލިބޭނެ

July 24, 2023
2 ފަހަރު ބަލާފައި
މިފަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 4 ބޭފުޅަކަށް ލިބޭނެ
މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، ގައި 4 ބޭފުޅަކަށާއި ކުންފުންޏަކަށް ޝަރަފުވެރިކަމުގެ އިނާމު ލިބޭ އިރު، އެ ޖަލްސާ އަންނަ އަންގާރަ ދުވަހު ހެނދުނު 10 ޖަހާއިރު ސޯޝަލް ސެންޓަރުގައި ބާއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ. މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ދިވެހި ގައުމާ މުހާތަބު ކުރައްވާނެއެވެ. އަދި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ މެޑެލް ދެއްވުމާއި، ކީރިތި ގުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވި ހާފިޡުންނަށް ރައީސް ދެއްވާ ހާއްސަ މެޑެލް ދެއްވުންވެސް އޮންނާނެއެވެ. ޝަރަފްވެރިކަމުގެ ގައުމީ އިނާމު، މި އަހަރު ލިބިވަޑައިގަންނަވަނީ، 4 ބޭފުޅަކަށާއި، ކުންފުންޏަކަށެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު، 17 ބޭފުޅަކަށާއި ޖަމުއިއްޔާއަކަށް ލިބިވަޑައިގަންނަވައެވެ. ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސް އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސް އެކުލަވައިލެއްވި ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސް ދެއްވާ މެޑެލް، މި އަހަރު ހާސިލު ކުރައްވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅެކެވެ. ބައިނަލްއަގްވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދައިގެން އިނާމު ހާސިލުކުރަނީ ދެ ކުއްޖެކެވެ. މީގެއިތުރުން، ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރަނީ އެންމެ ފަރާތަކުންނެވެ. ކީރިތި ގުރްއާން ހިތުދަސްކޮށް، މިއަހަރު 1 ވަނަ ދަރަޖައިގައި ފާސްވި 10 ހާފިޡުންނަށް ރައީސް ދެއްވާ ހާއްސަ މެޑެލްވެސް މި ޖަލްސާގައި ދެއްވާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ