މާލެ: 31°C
މިދިޔަމަހު ޒަކާތު ފަންޑުން އެންމެބޮޑު ހޭދައެއް ކުރީ ކެންސަރު ބަލިމީހުންނަށް

މިދިޔަމަހު ޒަކާތު ފަންޑުން އެންމެބޮޑު ހޭދައެއް ކުރީ ކެންސަރު ބަލިމީހުންނަށް

April 24, 2024
3 ފަހަރު ބަލާފައި
މިދިޔަމަހު ޒަކާތު ފަންޑުން އެންމެބޮޑު ހޭދައެއް ކުރީ ކެންސަރު ބަލިމީހުންނަށް
މިދިޔަ މާރިޗްމަހުގެ ތެރޭގައި ޒަކާތު ފަންޑުން އެންމެބޮޑު ހޭދައެއް ކޮށްފައިވަނީ ކެންސަރު ޖެިފައިވާ މީހުންނަށް އެހީވުމަށްކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފިއެވެ. މިއަދު ނެރެ އާއްމުކޮށްފައިވާ މޯލްޑިވްސް ޒަކާތު ހައުސްގެ މާރިޗް މަހުގެ ރިޕޯޓަށް ބަލާއިރު، މިދިޔަ މަހު ކެންސަރު ޖެހިފައިވާ މީހުންގެ ފަރުވާގެ އެކިއެކި ކަންކަމަށް ޖުމްލަ 190،822.50 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ކެންސަރު ބަލީގެ އިތުރުން މިދިޔަ މަހު އެންމެ ގިނައިން ޒަކާތު ފަންޑުން ހޭދަކޮށްފައިވަނީ ހިތުގެ އޮޕަރޭޝަނަށާއި، ޓްރާންސްޕްލާންގެ ހަރަދުތަކުގެ އިތުރުން ސިކުނޑީގެ އޮޕަރޭޝަންތަކަށެވެ. މާރިޗްމަހު ޒަކާތު ފަންޑުން ކުރި ހޭދަ:
  • ހިތުގެ އޮޕްރޭޝަން: 8،481.00 ރުފިޔާ
  • ޓްރާންސްޕްލާންޓް: 25،443.00 ރުފިޔާ
  • ސިކުނޑީގެ އޮޕްރޭޝަން: 180،407.19 ރުފިޔާ
  • އެހެނިހެން: 279،872.50
މިދިޔަމަހު ޒަކާތު ފަންޑުން ޖުމްލަ 59 މީހަކަށް އެހީދީފައިވާއިރު، އެކިފަރާތްތަކަށް އެހީގެ ގޮތުގައި ޖުމްލަ 878،682.88 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ޒަކާތު ފަންޑުން އެހީގެ ގޮތުގައި ދިނުމަށް ކަޑައަޅާފައިވާ އަދަދަކީ 685،026.19 ރުފިޔާއެވެ. މި މުއްދަތުގެ ތެރޭގައި ސްކޯލާޝިޕް އެހީގެ ގޮތުގައި 44،563.80 ރުފިޔާ ހޭދަކޮށްފައިވާއިރު، އިދާރީ ހަރަދުގެ ގޮތުގައި 374.950.28 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ޒަކާތު ހައުސްއިން ބުނީ މިދިޔަ މަހު އެހީ ދީފައިވާ ފަރާތްތަކުގެ ތެރޭގައި އޭގެ ކުރީ ފެބުރުއަރީމަހުގެ ތެރޭގައި އެހީ ހަމަޖެހުނު ފަރާތްތައްވެސް ހިމެނޭ ކަމަށެވެ. މޯލްޑިވްސް ޒަކާތު ހައުސް ނަމުގައި ސަރުކާރުން އިދާރާއެއް އިފުތިތާހުކުރީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅުގައެވެ. "މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިއުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޒަކާތު ފަންޑުން އެހީތެރިކަން ދިނުންވެސް ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ