ރާއްޖެއަށް މިއަހަރުގެ މޭ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މޭ މަހަށްވުރެ 3.7 ޕަސަންޓް ދަށަށް ހިނގައްޖެ އެވެ.
މިއަހަރުގެ މެއިމަހު ރާއްޖެއަށް 120،960 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 4568 ފަތުރުވެރިންގެ ދަށްވުމެއްކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އަދި ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި މެއިމަހަކީ އަހަރުގެ ފުރަތަމަ 5 މަސްދުވަހަށް ބަލާއިރު ރާއްޖެއަށް އެންމެ މަދުން ފަތުރުވެރިން އައި މަހެވެ.
ފަތުރުވެރިންގެ އަދަދުތައް މަހުން މަހަށް :
- ޖެނުއަރީ - 172،499 ފަތުރުވެރިން
- ފެބްރުއަރީ - 177،915 ފަތުރުވެރިން
- މާޗް - 173،514 ފަތުރުވެރިން
- އެޕްރީލް - 164،357 ފަތުރުވެރިން
- މޭ - 120،960 ފަތުރުވެރިން
ރާއްޖޭގެ ފަތުރުވެރިކަން މޭ މަހު ދަށަށް ދިޔައީ ރަޝިއާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިވަނިކޮށެވެ.
ރަޝިއާގެ ފަތުރުވެރިންގެ އަދަދު ދަަށަށް ދިޔައީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެމެރިކާ އާއި އީޔޫގެ ގައުމުތަކުން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 10 ޤައުމު:
- ރަޝިއާ
- އިންޑިއާ
- ޔޫކޭ
- އިޓަލީ
- ޖަރުމަނު
- ޗައިނާ
- އެމެރިކާ
- ފްރާންސް
- ސްވިޓްޒަލޭންޑް
- ސައުތު ކޮރެއާ
ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމެވެ. އެގޮތުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީ އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 1241 ތަނެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އެއީ މުޅި ޖުމްލަ 60،734 އެނދެވެ.