މާލެ: 31°C
މިދިޔަ ދެމަހު އެކަނިވެސް މާލެ ސަރަހައްދުގައި 450 އެކްސިޑެންޓް ހިނގި: ފުލުހުން

މިދިޔަ ދެމަހު އެކަނިވެސް މާލެ ސަރަހައްދުގައި 450 އެކްސިޑެންޓް ހިނގި: ފުލުހުން

March 6, 2024
3 ފަހަރު ބަލާފައި
މިދިޔަ ދެމަހު އެކަނިވެސް މާލެ ސަރަހައްދުގައި 450 އެކްސިޑެންޓް ހިނގި: ފުލުހުން
މިއަހަރުގެ ޖެނުއަރީ އަދި ފެބުރުއަރީ، މި ދެ މަހު އެކަނިވެސް މާލެ ސަރަހައްދުގައި 450 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުން ބުނެފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، ފަހަކަށް އައިސް މާލެ އަދި ހުޅުމާލޭގައި ހިނގަމުން އަންނަ އެކްސިޑެންޓްތައް އިތުރުވަމުން އަންނައިރު، ފާއިތުވެ ދިޔަ ދެމަހު އެކަނިވެސް 450 އެކްސިޑެންޓް ހިނގާފައިވާކަމަށެވެ. ސަމީރު ވިދާޅުވީ ގަވާއިދާ ހިލާފަށް އޯވަރޓޭކް ކުރުމުގެ ސަބަބުން އެކްސިޑެންތައް އިތުރުވެފައިވާ ކަމަށާއި މިކަން އެންމެބޮޑަށް ފާހަގަކުރެވެނީ ހައިވޭ އަދި ބްރިޖްމަތީގައި ކަމަށެވެ. މީގެ އިތުރުން ޒިގްޒެގްކޮށް ދުއްވުމާއި، ކަނޑައެޅިފައިވާ ލޭނު ނޫން އެހެން ލޭނުން ދުއްވަން ހަދައިގެންވެސް އެކްސިޑެންޓްތައް ހިނގާ އަދަދު އިތުރުވަމުން އަންނަކަން ސަމީރު ވިދާޅުވިއެވެ. "ހައިވޭ އަދި ބްރިޖްގައި ޒިގްޒެގްކޮށް ދުއްވުމާއި ކަނޑައެޅިފައިވާ ލޭނު ނޫން އެހެން ލޭނުން ދަތުރުކުރުމަށް ބާރު ސްޕީޑުގައި ދާން އުޅުމުގެ ސަބަބުން އަނެކާއަށް ލިބޭ ސިހުމުގެ ސަބަބުންވެސް އެބަހުރި އެކްސިޑެންޓްތައް ހިނގާފަ" ސަމީރު ވިދާޅުވިއެވެ. އޭނާ އިތުރަށް މާލޭ ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް އަދި ބަލަންވާވަރަށް ނުބަލައި ޔޫޓާން ނެގުމުގެ ސަބަބުން އެކްސިޑެންޓްތައް ހިނގާފައިވާ އަދަދު އިތުރުވެފައިވާކަަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅަނދު ޕާކްކުރުމުގެ ސަބަބުންވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައި ހުރިކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން ނުރައްކާޓެރިކޮށް ދުއްވާ އުޅަނދުތައް ފުލުހުން ޓޯކުރާކަން ފާހަގަކުރައްވަމުން ސަމީރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ފުލުހުންްގެ ބެލުމުގެ ދަށަށް އެފަދަ 54 އުޅަނދެއް ގެނެވި އެއިން ކޮންމެ އުޅަނދެއް 30 ދުވަހުގެ މުއްދަތަކަށް ހިފަހައްޓާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މާލެ ސަރަހައްދުގައި ހިނގަމުން އަންނަ އެކްސިޑެންޓްތައް އިތުރުވަމުން އަންނައިރު، މިފަދަ އެކްސިޑެންޓްތަކުން މީހުނަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ލިބެމުންދާކަންވެސް ފުލުހުން ބުނެއެވެ. މީގެ އިތުރުން ބައެއް އެކްސިޑެންޓްތަކުގައި ބައެއް މީހުންގެ ފުރާނަ ގޮސްފައިވާއިރު، އަނެއްބަޔަކު ނުކުޅެދޭ ހާލަތަށް ގޮސްފައިވާކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ. ފުލުހުން ބުނީ ކުރިއަށްއޮތް ރަމަޟާންމަހު މާލެ އަދި ހުޅުމާލޭގެ މަގުތައް ބެލެހެއްޓުމުގެ ކަންކަން ހާއްސަ އިންތިޒާމެއްގެ ދަށުން ކުރިއަށްގެންދާނޭކަމަށެވެ. މިގޮތުން ބާރުބޮޑުވާ 20 ސަރަހައްދެއް ފާހަގަކޮށްފައިވާއިރު، އެ މަގުތަކަށް ފުލުހުންގެ ހާއްސަ ޓީމެއް ނެރެގެން ޓްރެފިކް މެނޭޖްކުރުމުގެ ކަންކަން ކުރިއަށްގެންދާނޭކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ