މާލެ: 31°C

މިއަދު ވެސް އޭޖީގެ މައްސަލަ ކުރިއަކަށް ނުގެންދެވި މަޖިލިސް ހުއްޓާލައިފި

މިއަދު ވެސް އޭޖީގެ މައްސަލަ ކުރިއަކަށް ނުގެންދެވި މަޖިލިސް ހުއްޓާލައިފި
June 6, 2023
2 ފަހަރު ބަލާފައި
މިއަދު ވެސް އޭޖީގެ މައްސަލަ ކުރިއަކަށް ނުގެންދެވި މަޖިލިސް ހުއްޓާލައިފި
އޭޖީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ، ކުރިއަށް ނުގޮސް، އޭޖީ ލިޔުމުން ފޮނުއްވި ޖަވާބުގައި މަޖިލީހުގެ ބާރުތަކަށް ގޮންޖެއްސެވި ކަމަށް ބުނެ ހުށަހެޅި އިމްތިޔާޒާ ބެހޭ މައްސަލަ ބޮޑުވެ، މަޖިލީހުގައި ހަމަނުޖެހުން ހިންގާ، މިއަދުގެ މަޖިލިސް ހުއްޓާލައިފި އެވެ.

އޭޖީގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދަން ފުރުސަތު  ނުލިބޭތީ އެމްޑީޕީގެ މެންބަރުން އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ނިޒާމީ މައްސަލަ ނަގަން ފެއްޓެވި އެވެ. އަދި އެ މެންބަރުން ތެދުވެވަޑައިގެން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަން ފެއްޓެވި އެވެ.

އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅާފައިވާތީ، އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޑުޖައްސާލި ކަމަށް މަޖިލީހުގެ ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވި ނަމަވެސް އެހެން މައްސަލައެއް ކުރިއަށް ގެންދަން ނިންމެވުމުން މެންބަރުން ހަޅުތާޅު ފެއްތެވީ އެވެ.

ރައީސް ނަޝީދު ފެއްތެވީ އެމަނިކުފާނުގެ  ފިކުރެއްގެ ދިރުމުން އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުންނަށް  ބިރު ދައްކާ ކަމަށް ބުނެ މިއަދުގެ ޖަލްސާ އަށް ހުށަހަޅާފައިވާ ކުއްލި މައްސަލަ ކުރިއަށް ގެންދާށެވެ. އެ ހިސާބުން މަޖިލިހުގެ ނިޒާމު ގެއްލުނީ އެވެ.

މައްސަލަ ކުރިއަށް ނުގެންދެވި، 13 ވަރަަކަށް މެންބަރުން މަޖިލީހުގައި ތެދުވެ އަޑުގަދަ ކުރަން ފެއްޓެވި އެވެ.

ހެނދުނު ދަންފަޅީގެ އިންޓަވަލަށް 10:30 އަށް މަޖިލިސް މެދުކަނޑާލިއިރު ޖަލްސާ އޮތީ ހަމަނުޖެހުން އުފެދި ހޫނުވެފަ އެވެ.

އިންޓަވަލަށް ފަހު، 11:00 ގައި ޖަލްސާ ފަށައި އަނެއްކާވެސް ޑިމޮކްރެޓްސްއާ ގުޅޭ މައްސަލަ ކުރިއަށް ގެންދަން ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް މަސައްކަތް ކުރެއްވި އެވެ.

މެންބަރުން އަޑުގަދަ ކުރައްވާ ދެކޮޅު ހެއްދެވުމުން މަޖިލިހުގެ ނިޒާމު ގެއްލުނު ކަމަށް ވިދާޅުވެ، މިއަދުގެ ޖަލްސާ އެ ހިސާބުން ހަސަން އަފީފް ނިންމަވާ ލެއްވި އެވެ.

މަޖިލިހުގެ އިއްޔެގެ ޖަލްސާ ވެސް ހުއްޓާލީ ނިޒާމު ގެއްލުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ