ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވެރިރަށް މާލޭގައި ފެންބޮޑުވެ، ގަދަވަޔާއެކު ބައެއް ގަސްތައް ވެއްޓި އެކި ވަރުގެ ގެއްލުންތައް ލިބެމުން އެބަަ ދެ އެވެ.
މިއަދު ކުރަމުންދާ ވިއްސާރަގައި ރެހެންދި ހިނގުމުގައި ހުރި ބޮޑު ގަހެއް (ޕީއެސްއެމް ކައިރި) ވަނީ ކާރެއްގެ މައްޗަށް ވެއްޓިފަ އެވެ. އޭގެ އިތުރުން ގޭގެއަށް ވެސް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ހުރި ބިޔަ، ގިނަ ދުވަސްވީ ގަހެއް ވެއްޓިފައި ވަނީ މުލުން ލުހިގެންނެވެ. އެ ގަސް ވެއްޓިފައި ވަނީ ހުދު ކުލައިގެ ކާރެއްގެ މައްޗަށެވެ.މާލޭގައި ފެން ހިންދުމަށް އެމްއެންޑީއެފް އިން މަސައްކަތް ކުރަމުންދާއިރު މެދުނުކެނޑި ބޯކޮށް ވާރޭ ވެހޭތާ މިހާރު ވެސް ހަތަރުވަރަަކަށް ގަޑިއިރު ވެއްޖެ އެވެ.
އެމްއެންޑިއެފުން ބުނީ މުޅި މާލޭގައި ފެންބޮޑުވެފައިވާއިރު ބައެއް ހިސާބުތަކުގައި އަށް އިންޗިއާ ހަމައަށް ފެންގަނޑު އަރާ ކަމަށެވެ.
އެމްއެންޑިއެފް އިން އާންމު ކުރި ޗާޓަކުން ފެންނަ ގޮތުގައި އެންމެ ބޮޑަށް ފެންބޮޑުވީ މާފަންނުގަ އެވެ. ނަމަވެސް ޖުމުލަކޮށް ހުރިހާ ސަރަހައްދެއްގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.
މި ދުވަސްވަކީ ބޯކޮށް ވާރޭވެހި ވައިގަދަ ދުވަސްވަރަކަށް ވުމުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިއަދު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަންނަނީ ވިއްސާރަކުރަމުންނެވެ. މާލޭގެ މަގުތަކުގައި ވެސް ވަނީ ފެންބޮޑުވެފައެވެ.






