ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ހަކަތައުފެއްދުމުގައި ތެލަށް ބަރޯސާވުން ނިމުމަކަށް ގެނައުން: ރައީސް

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ހަކަތައުފެއްދުމުގައި ތެލަށް ބަރޯސާވުން ނިމުމަކަށް ގެނައުން: ރައީސް
ލިޔުން:
މި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވުން ނިމުމަކަށް ގެނަސް، ތިމާވެށްޓާއި ރައްޓެހި ގޮތްގޮތަށް ހަކަތަ އުފައްދައި ، ބޭނުންކުރާ ޤައުމަކަށް ބަދަލުކުރުން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިރޭ އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ، 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ނެޓްޒީރޯ ގައުމަކަށް ވުމަށް ހިފާފައިވާ އަމާޒަށް ވާސިލްވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި، 36 މެގަވޮޓްގެ ކަރަންޓް އަވިން އުފެއްދޭނެ ނިޒާމްތައް ގާއިމްކުރެވިފައިވާކަމަށާއި، އެމިންވަރަށް އެކަން ހިނގުމުން ވެސް ، ކަރަންޓް އުފެއްދުމުގައި 17 މިލިއަންލީޓަރުގެ ޑީސަލް އަދި 270 މިލިޔަންރުފިޔާ ސަލާމަތްކުރެވޭކަމަށެވެ. އަދި މިހާރު އިތުރު 113 ރަށެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމްތައް ޤާއިމްކުރުމުގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ހިނގަމުންދާކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ، ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައިގަނޑު މައްސަލަތަކުގެ މައްޗަށްވެސް އަލި އަޅުއްވާލައްވާފައެވެ.
މިގޮތުން ރައީސް ސޯލިހު ވިދާޅުވީ، ރައްކާތެރިގޮތުގައި ކުނިމެނޭޖުކުރުމަށާއި ކުނިނައްތާލުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ސަރުކާރުގެ އަމާޒަކީ ރާއްޖެ ސިންގަލް ޔޫސް ޕްލާސްޓިކް އެގޮތަކަށްވެސް ބޭނުން ނުކުރާ ޤައުމަކަށް ބަދަލުކުރުން ކަމަށެވެ. އަދި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން އެކަށައަޅައި ތަންފީޒްކުރަމުން އަންނަ ސިޔާސަތުގެ ދަށުން 13 ބާވަތެއްގެ ޕްލާސްޓިކް މަނާކުރުމާއި ގުޅިގެން ރާއްޖެ އެތެރެކުރެވޭ ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް 50 އިންސައްތަ މަދުކުރެވިފައިވާކަމުގައިވެސް ރައީސަ ސޯލިހު ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ރައީސް ޯލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކުރަންޖެހިފައި އޮތް ކަމަކީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވެ ތިބުންކަމަށެވެ. މީގެ އިތުރުން ކުރިމަގުގައި މޯލްޑިވްސް ގްރީންފަންޑުން ކަނޑައެޅޭ ވަކި މިންވަރެއް ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތްތަކަށާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި، މުއައްސަސާތަކުގެ ގާބިލްކަން އިތުރުކުރުމަށާއި، ރިސާޗް އެންޑް ޑިވެލޮޕްމެންޓް މަސައްކަތްތައް އަދި ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީތެރިވުމަށް ބޭނުންހިފާނެ ގޮތްތަކެއް ބެލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިރޭގެ ޖަލްސާގައި ވަނީ، މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރުކަމުގައިވާ "ބީޓް ޕްލާސްޓިކް ޕޮލިއުޝަން" މިޝިއާރުގެ ދަށުން ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި، ވީޑިއޯ އުފެއްދުމުގެ މުބާރާތުން ހޮވުނު އެންމެ މޮޅު 3 ވީޑިއޯ ދައްކާފައެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖޫންމަހުގެ 5 ވަނަ ދުވަސް ފާހަގަކުރުމަށް އދ. އިން ނިންމާފައި ވަނީ، 1972 ވަނަ އަހަރުއެވެ. މިއަހަރަކީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރާތާ 50 އަހަރު ފުރުނު އަހަރެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
