"މިހައިތަނަށް އަޅުގަނޑުމެން މަޑުކޮށްލައިގެން މިތިބީ، ރައްޔިތުން އިންތިހާބުކުރި ސަރުކާރަކަށް ވާތީ ވަގުތުކޮޅެއް ދޭން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ. އަދިވެސް ހިތަށް އަރާ ބައެއް ފަހަރު، އަދިވެސް ކުޑަވަގުތުކޮޅެއް އަޅުގަނޑުމެން ބަލައިލަންވީއޭ، އެކަމަކު އަޅުގަނޑަކަށް ހިއެއް ނުވޭ އެހެން ދެން ބަލަން ތިބެވޭކަށް އޮތް ހެނެއް،" ސޯލިހު ވިދާޅުވި އެވެ.
ސަރުކާރު ޖަވާބުދާރީކުރަން އެމްޑީޕީ އަލުން ނުކުންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ގިނަ ސަބަބުތަކެއް އެމަނިކުފާނު ވިދާޅުވެދެއްވި އެވެ.
އެފަދަ އެއް ކަމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ބޮޑުބައި މިހާރުގެ ސަރުކާރުން ހުއްޓައިލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެމަނިކުފާނު އެދިވަޑައިގެންނެވީ ޒިންމާދާރުކަމާ އެކު ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރުމަށެވެ. އެ މަސައްކަތް އެމްޑީޕީން ނުކޮށްފި ނަމަ ރާއްޖެ ބޮޑު އަނދަވަަޅަކަށް ވެއްޓޭނެ ކަަށް ވެސް ވިދާޅުވި އެވެ.
ސަރުކާރުގެ ސަބަބުން ލިބެމުންދާ އަނެއް ގެއްލުމަކީ ސޯލިހު ތުހުމަތުކުރެއްވި ގޮތުގައި ރާއްޖޭގެ ހާރިޖީ ގުޅުން ގޯސްވަމުން ދިއުމެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު އިޝާރާތް އެ ކުރެއްވީ އަވަށްޓެރި އިންޑިއާއާ އެކު އޮތް ގުޅުން ހީނަރުވާތީ އެކަމަށެވެ.
އެމަނިކުފާނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ފެށްޓެވި ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ދޫކުރި ގޯއްޗާއި ފްލެޓް ހަވާލުކުުރުން ސަރުކާރުން ލަސްކުރާތީ އެކަމަށް ވެސް ވަަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ސޯލިހު ވިދާޅުވި ގޮތުގައި ފްލެޓާއި ގޯތި ހަވާލުކުރުން ލަސްކުރާ މައްސަލަ ހައްލުކުރެވޭނީ މާލޭގެ މޭޔަރަކަށް އާޒިމް އިންތިހާބުކޮށްގެންކަމަށެވެ.







