ވިލިމާލޭގައި މާލެ ސިޓީ ކައުންސިލުން ދޭން ފަށާ ބަގީގެ ހިދުމަތް މިމަހުގެ 16 ވަނަ ދުވަހު ފެށޭނެ ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިލިމާލޭގައި ކައުންސިލުން ދުއްވާ ބަގީތައް ބުރާސްފަތި ދުވަހު ހަވީރު ވިލިމާލެއަށް ގެންދެވޭނެ ކަމަށާއި އޭގެ 1 ހަފްތާ ފަހުން،16 މާރޗް ވާ ބުރާސްފަތި ދުވަހު ބަގީގެ ހިދްމަތް ފެށޭނެ ކަމަށެވެ.
https://twitter.com/MMuizzu/status/1633066972190736385?cxt=HHwWgoDQvcjw6KktAAAA
ވިލިމާލޭގައި ދިނުމަށް ނިންމާފައިވާ ބަގީގެ ހިދްމަތުގެ އަގުތައް ވަނީ މިހާރު ކަނޑައަޅާފައެވެ. އެގޮތުން ބަގީ ދުއްވާ ރޫޓުން ބަގީއަށް އަރާ ނަމަ ބަގީއަށް ދޭން ޖެހެނީ 2 ރުފިޔާއެވެ. ނަމަވެސް "ޕްރައިވެޓް ހަޔަރ" ކުރާނަމަ ބަގީގެ އަގަށް ބަދަލު އަންނާނެއެވެ. އެގޮތުން ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ބަގީ ނަގާނަމަ 4 ސީޓުގެ ބަގީ އަކަށް ދައްކަން ޖެހެނީ 4 ރުފިޔާއެވެ. 6 ސީޓޫގެ ބަގީއަކަށް ދައްކަން ޖެހެނީ 10 ރުފިޔާއެވެ. 12 ސީޓުގެ ބަގީއެއް ހަޔަރ ކުރާނަމަ 15 ރުފިޔާ ދައްކަން ޖެހެއެވެ.
މީގެ އިތުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓަރ ވެފައިވާ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯރމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެއެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ފޯރުކޮށްދިނުމަށް މާލެސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ.