މާލެ: 31°C

މިއަހަރު ވެރިކަމަށް އަންނާނީ ޑިމޮކްރެޓްސް: އީވާ

މިއަހަރު ވެރިކަމަށް އަންނާނީ ޑިމޮކްރެޓްސް: އީވާ
July 10, 2023
2 ފަހަރު ބަލާފައި
މިއަހަރު ވެރިކަމަށް އަންނާނީ ޑިމޮކްރެޓްސް: އީވާ
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް ވެރިކަމަށް އަންނާނީ ދަ ޑިމޮކްރެޓްސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ. ޑިމޮކްރެޓްސްގެ ހަރުގެ - "ހައުސް އޮފް ޑިމޮކްރެޓްސް" ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ ދެން އަންނަ ވެރިކަމެއް ކުރާނީ ޑިމޮކްރެޓްއިން ކަމަށެވެ. އީވާ ވިދާޅުވީ މިއަހަރުގެ އިންތިހާބުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ބަލިވެވަޑައިގަންނަވާނެކަން ޔަގީންވާ ކަމަށެވެ. "ޕީޕީއެމްގެ ސަޕޯޓް އޮތް ގޮތަށް އެބަ އޮތް. ޕީޕީއެމްއިން ނަގާ އަށްޑިހަހާއެއްހާ ވޯޓު އެބަ އޮތް. އަޅުގަނޑުމެންނަށް އެކަން އެބަފެނޭ އެކިއެކި އޮޕީނިއަން ޕޯލްތަކުން އަދި އެކިއެކި ބައި އިލެކްޝަންތަކުން. ޖުމުހޫރީ ޕާޓީން ނަގާ ވޯޓުކޮޅެއް އެ ޕާޓީއިން ނަގާނެ،" އީވާ ވިދާޅުވި އެވެ. މީގެ އިތުރުން އެމްއެންޕީން ހަތްހާހެއްހާ ވޯޓު ނަގާނެ ކަމަށާއި އެމްއާރްއެމްއަށް ފަސްހާހެއްހާ ވޯޓު ލިބޭނެ ކަމަށް އީވާ ވިދާޅުވި އެވެ. އަދި ޑިމޮކްރެޓްއިން އެމްޑީޕީގެ ބޮޑުބައެއް ދަމައިގަންނާނެކަމަށާއި އޭގެ އިތުރުންވެސް 20 ހާސް ވޯޓު ނަގާނެ ކަމަށް އީވާ ވިދާޅުވި އެވެ. އީވާ ވިދާޅުވީ ވިދިވިދިގެން ތިން މަހުގެ ހިޔާލު ހޯދުމުގެ ޕޯލްތަކުން ދައްކާ ގޮތުގައި ރައީސް ސޯލިހުގެ ތަރުހީބު ދަނީ ދަށަށް ކަމަށެވެ. ޖެނުއަރީ މަހުގެ ޕޯލްތަކުން 18 އިންސައްތަ ލިބުނު އިރު މިދިޔަ މަހުގެ ޕޯލްތަކުން ލިބުނީ 15 އިންސައްތަކަމަށް އީވާ ވިދާޅުވި އެވެ. ފަސް އަހަރުގެ ވެރިކަމެއް ނިމިގެން ދާއިރު 52 އިންސައްތަ ތާއީދާއިއެކު ފެށި ރައީސެއްގެ ތާއީދު މިހާރު ހުރީ އެންމެ 15 އިންސައްތައިގައި ކަމަށް އީވާ ވިދާޅުވި އެވެ. "ސާޅީސް ދެ ބައި އިލެކްޝަން ސަރުކާރުން ކުރިމަތިލި އިރު ކާމިޔާބު ކުރެވުނީ ސާދަ ގޮނޑި. ކުޑަ ރަށެއް ބޮޑު ރަށެއް ބަލާނެ ކަމެއް ނެތް އިންތިހާބުތައް ގެއްލުވާލައިފި. އައްޑޫ ހިތަދޫ ގެއްލުވާލައިފި. އެތަނުން ފަންސާސް އަށް ޕަސެންޓް ޕީޕީއެމް ނަގައިފި. މާލޭ ކައުންސިލް ވެސް ގެއްލުވާލައިފި." އީވާ ވިދާޅުވި އެވެ. ކޯލިޝަން ދެމެހެއްޓި ހަމައެކަނި ވެރިކަމަކީ މިއީކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާއިރު އީވާ ވިދާޅުވީ މި ވެރިކަމުގެ ކޯލިޝަނުގެ މުހިންމު ޕާޓީތަކުން ރައީސް ސޯލިހު ދޫކޮށްލައިފި ކަމަށެވެ. މިވަގުތު އޮތްގޮތުން އެމްޑީޕީގެ ކޯލިޝަންގައި ހިމެނެނީ އަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ