މާލެ: 31°C

މެމްބަރުން ވަރަށް މަދު ވަގުތެއްގައި ރިޔާސަތުގެ ކޮންޓްރޯލް އަފީފަށް ގެއްލި، ބޮޑު އަރައިރުމެއް!

February 8, 2023
2 ފަހަރު ބަލާފައި
މެމްބަރުން ވަރަށް މަދު ވަގުތެއްގައި ރިޔާސަތުގެ ކޮންޓްރޯލް އަފީފަށް ގެއްލި، ބޮޑު އަރައިރުމެއް!
މެމްބަރުން ވަރަށް މަދު ވަގުތެއްގައި ރިޔާސަތުގެ ކޮންޓްރޯލް އަފީފަށް ގެއްލި، ބޮޑު އަރައިރުމެއް!
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމުގައި ވަޑައިގެން ތިއްބެވި މެމްބަރުން ވަރަށް މަދު ވަގުތެއްގައި ރިޔާސަތު ބަލަހައްޓަވަން އިންނެވި ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފަށް ޖަލްސާގެ ކޮންޓްރޯލް ގެއްލި، އޭނާއާ ބައެއް މެމްބަރުންނާ ދެމެދު އަރައިރުމެއް ހިނގައިފި އެވެ. މައްސަލަ ގޯސްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަފޫރު މޫސާގެ ވާހަކަ އަފީފު މެދުކަނޑުއްވައިލެއްވުމުންނެވެ. އޭރުގައި ޣަފޫރު ފާޑުވިދާޅުވަމުން ގެންދެވީ ސީދާ އަފީފަށާއި އެމްޑީގައި އޮންނަ ނުރަސްމީ ދެ ފެކްޝަނުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ ބޭފުޅުންނަށެވެ. "މި މަޖިލީހަކީ ވެސް މިހާރު މަޖިލީހުގެ ރައީސާއި އަދި މަނިކުފާނު ވެސް އިންނަވައިގެން ، ސަރުކާރަށް އެއްޗިހިކިއުމަށް ޓަކައި ލިބިފައިވާ ޕްލެޓްފޯމަކަށް ތިޔަ ހައްދަވަނީ،" ޣަފޫރު ވިދާޅުވި އެވެ. ޣަފޫރުގެ ވާހަކަ އެހިސާބުން މެދުކަނޑުއްވައިލައްވާފައި އަފީފު އެންގެވީ ހުށަހެޅިފައިވާ މައްސަލައަށް ވާހަކަ ދެއްކެވުމަށެވެ. އެއާ އެކު އަފީފަށް ވަރަށް ބޭއަދަބީކޮށް މުހާތަބު ކުރައްވައި، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އަޑުގަދަކުރައްވަން ފެށްޓެވި އެވެ. އެހިސާބުން ފަލާހުގެ ނަން އިއްވައި ޖަލްސާ ދޫކުރައްވައި އޭނާ ވަޑައިގަންނަވަން އަފީފު އެންގެވި ނަމަވެސް ބޭރަށް ވަޑައި ނުގެން ފަލާހު ގެންދެވީ އަޑުގަދަކުރައްވަމުންނެވެ. އެގޮތުގައި އެތައް އިރެއް ވުމަށް ފަހު ފަލާހު އަޑުމަޑުކުރެއްވުމުން ދެން އަޑުގަދަކުރައްވަން ފެށްޓެވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އެހެން ނަަމަވެސް އޭނާގެ ނަން އަފީފެއް ނީއްވަވަ އެވެ.  ދެން ވެސް އަފީފު އަންގަވަމުން ގެންދެވީ ފަލާހު ޖަލްސާ ދޫކުރައްވައި ވަޑައިގަތުމަށެވެ. މެމްބަރުންގެ ހަޅޭކުގެ އަޑު ކެނޑުމާއި އެކު ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާއަށް އަފީފު ދެއްވި ފުރުސަތެއްގައި ޣަފޫރު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ވަކި ބަޔަކު ހަޅޭއް ލެވިޔަސް ރިޔާސަތަށް "އޯކޭ"ވާ ކަމަށެވެ. "އެކަމަކު އަޅުގަނޑުމެންގެ މީހަކު އެއްޗެކޭ ބުނެފިއްޔާ އެހިސާބުން އެބަ ގޯސްވޭ. ނަން ވެސް އެބަ އިއްވޭ. އެހެންވީމާ ހަރާންކޯރުވާން ވެސް ތިވަރު ތަންކޮޅެއް ބޮޑު. އަޅުގަނޑުމެން އަތުގައި އޮތް މެޖޯރިޓީއެއްގައި ތިޔަ ގޮނޑިއަށް އަރާ ތިޔަ ތިބެނީ ތިޔަ ބޭފުޅުން،" ޣަފޫރު ވިދާޅުވި އެވެ. ޣަފޫރުގެ ވާހަކަ އަށް އަފީފު މެދުކަނޑުއްވައިލައްވައި ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތަވަން އަފީފު ނަސޭހަތްތެރި ވެވަޑައިގެންނެވި އެވެ. އެހިސާބުން އަނެއްކާ ވެސް މެމްބަރުން އަޑުގަދަ ކުރައްވަން ފެށްޓެވި އިރު އެންމެބޮޑަށް އަޑުގަދަކުރެއްވީ ނޮޅިވަރަމްދާއިރާގެ މެމްބަރު ނަޝީދެވެ. ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ހުންނެވި އެންމެ އުމުރުން ދުވަސްވީ މެމްބަރުގެ ހައިސިއްޔަތުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އަފީފަށް ޖެހިވަޑައިގެންނެވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވެސް އެވަގުތު ޖަލްސާގައި ވަޑައިގެން ނެތުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ