މަޖިލީހުގެ ކޯރަމް އަދި ޖުމުލަ މެންބަރުން ގުނާއިރު ހުސްވެފައިވާ ގޮނޑިތައް ނުހިމެނުމަށް ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސައިނެވެ. ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެންބަރު އީވާ އަބްދުﷲ އެވެ.
ފާސްވީ 25 މެންބަރުންގެ ވޯޓުންނެވެ. ފާސްނުކުރަން ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.
މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދު ކަމަށް ބަލާނީ މަޖިލީހުގެ މެމްބަރުކަމުގައި އެވަގުތަކު ތިއްބަވާ މެމްބަރުންގެ އަދަދު ކަމަށް ބަލާ ގޮތަށް މަޖިލީހުގެ ގަަވައިދުގައި މާއްދާތަކެއް ހިމެނުމުން އެ މާއްދާތައް ގާނޫނު އަސާސީއާ ހިލާފު ކަމަށް ކަނޑައަޅައި ބާތިލުކޮށްދޭން އެދި ސަރުކާރުން އެ މައްސަސަލަ ސުޕްރީމްކޯޓަށް ހުށަހެޅި ނަމަވެސް އެކަމުގައި ގޮތެއް ނުނިންމައި އޮއްވައި މަޖިލީހުގެ ގަވައިދުގެ އެހެން މާއދާއަކަށް އެބައިތައް ވަނީ ބަދަލުކޮށްފަ އެވެ.
އެހެންވެ ސުޕްރީމްކޯޓުގެ ހުކުމުގައި އެ ބައިތައް ފަހުން އިތުރުކުރި މާއްދާ ބާތިލެއް ނުކުރެ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދުގެ ޖަލްސާއަށް ހުުށަހެޅުއްވީ އެ ބައިތައް އުވައިލުމާ މެދު ގޮތެއް ނިންމުމަށެވެ.
ނަމަވެސް މަޖިލީހުން އާ ހުށަހެޅުމެއްގެ ގޮތުގައި ފާސްކުރީ މެމްބަރުންގެ އަދަދު ގުނާ ގޮތް ބަދަލުކޮށް، ހުސްގޮނޑިތައް ނުހިމަނައި ގުނާ ގޮތަށެވެ.
މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ، މިގޮތަށް ފާސްކުރުމުން ދެން ޖަލްސާތަކުގައި މަޖިލީހުގެ މެންބަރުންގެ އަދަދަކަށް ބަލާނީ 80 ކަމަށެވެ. މަޖިލިހުގެ ގަވައިދުގެ 242 ވަނަ މާއްދާ އަށް މަޖިލީހުން ގެނައި ބަދަލުގައި މިހާރު ބުނާ ގޮތުން މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ އެވެ.






