ގަސްދުގައި މީހަކު މަރާލުމަށް ރޭވި ކަމުގެ ތުހުމަތުގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ ގ. ރީތިމާގެއާގޭ އުމުރުން 21 އަހަރުގެ އަބްދުﷲ އުދައްޔު އެވެ.
އެ މައްސަލައާއިގުޅިގެން އަބްދުﷲ އުދައްޔު ހައްޔަރުކޮށް ކޯޓަށް ބަންދު މުއްދަތު ޖަހަން ގެންދިއުމުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ޖަމާއަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތެވެ.
ކޯޓު އަމުރުގައިވާ ގޮތުން މިއީ 2 ގްރޫޕެއްގެ ދޭތެރޭގައި ސިލްސިލާ ގޮތެއްގައި ހިނގަމުންދާ މާރާމާރީތަކުގެ ތެރެއިން ބަދަލު ހިފުމުގެ ރޫހުގައި މީހަކު މެރުމަށް ރާވަމުންދާ މައްސަލައެކެވެ. އެގޮތުން އޭނާ އަކީ މާރާމާރީ ހިންގާ ގްރޫޕަކަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނާ އަކީ މާރާމާރީ ހިންގުމަށްޓަކައި އަނެއް ގްރޫޕްގެ މީހުން ލޮކޭޓް ކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތެއް ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށް ބުނެފައި އެވެ.
އުދައްޔު ކޯޓުގައި ބުނެފައިވަނީ އޭނާގެ ހަމައެކަނި ކުށަކީ 'އެ މީހުން' ދީފައިވާ ތަނެއްގައި ނިދަން އޮތުން ކަމަށެވެ. އެ މީހުންނަކީ ކޮންބައެއްތޯ ޝަރީއަތުން ސުވާލު ކުރުމުން އޭނާގެ ބޭބެއެއްގެ ނަން ބުނެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އުދައްޔު އެބުނާ ތަނަކީ މާރާމާރީ ހިންގާ ގްރޫޕަކުން އެކަންކަން ރޭވުމަށާއި އެ ކަމަށް ބޭނުންވާ ތަކެތި ފޮރުވުމަށްބޭނުންކުރާ ސޭފްހައުސްއެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަދި ކޯޓް އަމުރުގައި ވާ ގޮތުން އުދައްޔުއަކީ މީގެ ކުރިން ވެސް އެ ގްރޫޕްގެ މާރާމާރީއަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 21 މީހެއްގެ ތެރޭގައި ހިމެނިފައިވާ މީހެކެވެ.







