މާލެ: 31°C
މީޑިއާތަކަށް އިންޒާރުދޭ މައްސަލަ، ސަރުކާރުން ކުށްވެރިކޮށްފި

މީޑިއާތަކަށް އިންޒާރުދޭ މައްސަލަ، ސަރުކާރުން ކުށްވެރިކޮށްފި

April 30, 2024
3 ފަހަރު ބަލާފައި
މީޑިއާތަކަށް އިންޒާރުދޭ މައްސަލަ، ސަރުކާރުން ކުށްވެރިކޮށްފި
މީސް މީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ، ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން އެ އަމަލު ކުށްވެރިކޮށްފިއެވެ. ރައީސް އޮފީހުން ވަނީ ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ހިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށާ މީޑިއާތަކަށް އަރުވާފައެވެ. ރައީސް އޮފީހުން ބުނީ ފޮރުވިގެންތިބެ ނޫސްވެރީންނަށާ މީޑިއާތަކަށް އިންޒާރުދެމުންދާތީ އެކަމުގެ ތަހްގީގް ދިވެހި ފުލުހުންގެ އިދާރާއިން މިހާރު ވަނީ ފަށައިފައި ކަމަށާއި އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ގާބިލްކަމެއްގެ ބޭނުންކޮށްގެން މަސައްކަތްކުރަމުން ދާނެ ކަމަށެެވެ. އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިވަޑައިގެންފައިވާ ނަމަވެސް ގައުމީ މަސްލަހަތު އިސްކުރެއްވުމުގެ ޒިންމާ ކޮންމެ ދިވެހި ރައްޔިތަކުވެސް އަދާކުރައްވައި، އެކަން ފުލުހުންނަށް އަވަހަށް ރިޕޯޓްކުރެއްވުމަށް ވެސް ރައީސް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ރައީސް އޮފީހުން ބުނީ، ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ހަބަރާ މައުލޫމާތު ފެތުރުމަށް ފުރުސަތު ދިނުމަކީ މި ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތެއް ކަމަށެވެ.  އަދި ނޫސްވެރިންނަށާ މީޑިއާތަކަށް ބިރުދައްކައި، ގައުމުގެ އަމްނަށް ނުރައްކާވާނެގޮތަށް ކުރާ ކޮންމެކަމެއް ހުއްޓުވައި ދިވެހި މުޖްތަމައުގެ މަސަލަސްކަމާ ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުންވެސް ވަފާތެރިކަމާ އިހްލާސްތެރިކަމާއެކު ރެޔާދުވާލު މަސައްކަތްކުރަމުން ގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ