
މީޑިއާތަކަށް ބަޖެޓް ދެއްވާނޭކަމުގެ ޔަގީންކަން އަނެއްކާވެސް ރައީސް ދެއްވައިފި
މީޑިއާތަކަށް ބަޖެޓް ދެއްވާނޭކަމުގެ ޔަގީންކަން އަނެއްކާވެސް ރައީސް ދެއްވައިފި
ލިޔުން:
ރާއްޖޭގެ މީޑިއާތައް ހިންގުމަށް ބަޖެޓް ދެއްވާނޭކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަނެއްކާވެސް ދެއްވައިފިއެވެ.
ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި ޢިނާޔަތެއް ދިނުމަށް މި ސަރުކާރުން ވާނީ އިސްނަގައި އެވާހަކަ ދައްކާފައި ކަމަށާއި، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ އަޣްލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހަކާއެކު އިރާދަކުރެއްވިއްޔާ މި އިސްނެގުމުގައި ޙަޤީޤީ ކުލަ ޖައްސައިދޭނޭ ކަމަށެވެ.
އިންތިޚާބީ ރައީސެއްގެ ގޮތުގައި އެމަނިކުފާނު އެންމެ އިސްކަން ދިން އެއްކަމަކީ، ދިވެހި ނޫސްވެރީންނާއެކު ގުންޒަރެއް ބާއްވައި، ނޫސްވެރީންގެ އަޑު އެހުން ކަމަށާއި، ރިޔާސީ ދައުރު ފެށުމަށްފަހު، ނޫސްވެރީންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާނޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުވުންތަކުގައި ނޫސްވެރީން ދެއްވި ޚިޔާލުތަކާއި، ފާހަގަކުރެއްވި ކަންކަން ވަނީ ނޯޓުކުރެވުނު ކަމަށާއި، ނޫސްވެރީންގެ ހުށަހެޅުންތަކާއި އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނޭކަމަށް ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.
ނޫސްވެރިންނަށް އޮތް ގޮންޖެހުމާއި ގުޅޭގޮތުން މި ޚިތާބުގައި އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމްދަނީއެއް ހޯދަން އޮތް ދަތިކަން ކަމަށެވެ. މީޑިއާތައް ހިންގުމަށް ކުރިމަތިވެފައިވާ އެ ދަތިކަން ފިލުވާލުމަށް މި ސަރުކާރުން ފިޔަވަޅު އަޅުއްވާނޭކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވަވާފައެވެ.
"ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި، އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު މީޑިއާތަކަށް އިތުރުކޮށްދިނުމާއި، ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނަން. އާމްދަނީ ލިބުމަށް އޮތް ދަތިތަކުގެ ސަބަބުން، ރޭޑިއޯ ޚަބަރު ފެތުރުމާއި، ޗާޕުކޮށްގެން ނޫސް މަޖައްލާ ނެރުން ރާއްޖޭގައި ހުއްޓެމުން ދާތީ ސަރުކާރުން ކަންބޮޑުވޭ. ސަރުކާރުގެ އަމާޒަކީ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަރނެޓާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށްވެސް ފަހި މާޙައުލެއް ރާއްޖޭގައި ދެމެހެއްޓުން" ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ޤައުމެއްގެ ދެމިއޮތުމާއި ކުރިއެރުމުގައި ނޫސްވެރީންގެ ބައިވެރިވުމާއި ޚިދުމަތް، ވަރަށް މުހިންމުކަން ފާހަގަކުރައްވައު ރައީސް ވިދާޅުވެފައިވަނީ، ރެޔާއިދުވާލު ހިނގަމުންދާ ކަންކަމުގެ ޚަބަރު ހޯދައި ފޯރުކޮށްދިނުމާއި، މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާއި، ދައުލަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ރައްޔިތުންނަށް ބުނެދިނުމާއި، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައިވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ބޭނުންތެރި ކަމަށެވެ.
ރައީސް ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، މީސްމީޑިއާގެ މަންސަތައް އިތުރުވެ، ނުފޫޒު ގަދަވެ، ކޮންމެ މީހަކު ބޭނުންވާ ޚަބަރާއި މަޢުލޫމާތާއި ޝުޢޫރުތައްވެސް މުޅި މުޖުތަމަޢަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފޯރުކޮށްދިނުމުގެ ފުރުޞަތު މިއަދު އެބައޮތް ކަމަށެވެ މިފަދަ ހާމަކަން ބޮޑު، ހުޅުވައިލެވިފައިވާ ދުނިޔެއެއްގައި ތެދު މަޢުލޫމާތު ފެތުރުމަކީ، ކޮންމެ ފަރުދެއްގެ އިންސާނީ އަދި ޤައުމީ ޒިންމާއެކެވެ. ދޮގާއި ތެދު ހިމެނޭހެން ކެނޑިނޭޅި މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނުމާއި، ކޮންމެ ކަމެއްގެ ޙަޤީޤަތްވެސް ހޯދައިބެލުމަށްވެސް، އެންމެން ސަމާލުވާން ޖެހެއެވެ. އެއީ، ދުލުން ނުވަތަ ގަލަމުން ކޮށްލެވޭ ޒަޚަމެއްގެ ސަބަބުން އަޅާ ވޭނާއި، އުފެދޭ ނުތަނަވަސްކަމުން، އަންދާޒާ ނުކުރެވޭވަރުގެ ބޮޑެތި ގެެއްލުން މުޖުތަމަޢަށް ލިބިގެން ދިޔަ ނުދިނުމަށްޓަކައި ކަމަށްވެސް ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.
"އަޅުގަނޑުގެ އެދުމަކީ، އަދި އިލްތިމާސަކީ، ނޫސްވެރީންގެ ޤައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކޮށްދިނުންމަތީ ދެމިތިބުން. ޤައުމު ބިނާކޮށް، ޙާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންދިޔުމަށް ފަށާފައިމިވާ ދަތުރުގައި ސަރުކާރާއި، ނޫސްވެރީންނާއި، ޚިދުމަތްތެރީންނާއި، ހުރިހާ ރައްޔިތުންވެސް އަތުގުޅާލައިގެން އެއްބައިވަންތަކަމާއެކު ކުރިއަށް ދިޔުން" ރައީސް ގެ ޚިތާބު ނިންމަވާލައްވަމުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
