މާލެ: 31°C

މީޑިއާ އާއި އިންޓަނެޓް ރެގިއުލޭޓްކުރާ ބިލް ނާޒިމް ދިފާއު ކުރައްވައިފި

January 27, 2025
150 ފަހަރު ބަލާފައި
މީޑިއާ އާއި އިންޓަނެޓް ރެގިއުލޭޓްކުރާ ބިލް ނާޒިމް ދިފާއު ކުރައްވައިފި
މީޑިއާ އާއި އިންޓަނެޓް ރެގިއުލޭޓްކުރާ ބިލް ނާޒިމް ދިފާއު ކުރައްވައިފި

މީޑިއާ ރެގިއުލޭޓް ކުރުމަކީ މީޑިއާގެ ވަސީލަތްތައް ހިފެހެއްޓުމާއި މިނިވަންކަމަށް ހުރަސްއެޅުން ނޫން ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެކްސް މެދުވެރިކޮށް ނާޒިމް ޙިއްޞާކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިންޓަވިއުއެއްގައި މީޑިއާ ރެގިއުލޭޓްކުރުމާ ގުޅޭ ގޮތުން އެމަނިކުފާނު ދެއްކެވި ވާހަކައިގެ ޙަޤީޤީ މާނަ އޮޅޭ ފަދަ ގޮތަކަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވީ، އެއްވެސް ޙާލެއްގައި މިނިވަން މުއައްސަސާތަކާ ދެކޮޅު ނޫން ކަމަށާއި، މީޑިއާގެ މިނިވަން ކަމަށް ހުރަސް ނާޅާނެ ކަމަށާއި، އަދި އެފަދަ ކަމަކަށް ދުވަހަކު ވެސް ތާއީދު ނުކުރާނެ ކަމަށެވެ.

ނާޒިމް ޙިއްޞާ ކުރެއްވި ބަޔާނުގައި އިތުރަށް ފާހަގަ ކުރައްވާފައިވަނީ، އެމަނިކުފާނުގެ ބަރުލަމާނީ ދައުރުގައި، މިހާތަނަށް ވޭތުވެދިޔަ ދިގު މުއްދަތުގައި ރައްޔިތުންނާ ގުޅުން ހުރި އަދި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރާނެ ކަންކަމުގައި ވަކާލާތުކޮށް، ގިނަ ކަންތައްތައް ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ.

މިގޮތުން ސިޔާސީ ޕާޓީތައް ތައާރަފްވެ އެކަންކަމުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ވިސްނާ، ދިވެހި ސިވިލް ސާރވިސްގެ ގާނޫނެއް ލިޔެ، ސިޔާސީ ވަކިތަކުން ސިވިލް ސަރވިސް ސަލާމަތްކުރުމަށް އަޅުގަނޑު ކުރި މަސައްކަތް މިއަދުވެސް ފަހުރުވެރިކަމާއެކު ފާހަގަކުރަމެވެ. މީޑިއާއަކީ މިއަދު ވަރަށް ބޮޑު މިނިވަންކަމަކާއި ބާރެއް ލިބިފައިވާ، އަދި ޑިމޮކްރެޓިކް މުޖުތަމުއެއްގެ އެއް އަސާސްކަން އެއްގޮތަކަށްވެސް އަޅުގަނޑުމެން ހަނދާނެ ނައްތައިލައިގެން ނުވާނެއެވެ“

މެންބަރު ވިދާޅުވެފައިވަނީ، މިހާރު ދިވެހިރާއްޖޭގައި މީޑިއާ ރެގިއުލޭޓް ކުރުމަށް ދެ މުއައްސަސާއެއް ޤާއިމުކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި ދެ މުއައްސަސާ އެންމެ އެދެވޭ ގޮތުގައި މަސައްކަތް ނުކުރާކަން މީޑިއާތަކުން ވެސް ޤަބޫލު ކުރާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ދައުލަތުގެ ވަސީލަތްތައް ތަކުރާރުވުމުގެ އިތުރުން، ނަތީޖާ ޙާޞިލުނުވާ ދެ މުއައްސަސާއެއްގެ ގޮތުގައި މިހާރު މި ދެ މުއައްސަސާ އޮތް ކަމަށް މެންބަރު ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން މި ދެ މުއައްސަސާއަށް ޖުމުލަ 18 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަ ކުރައްވައި، މިފަދަ ނާކާމިޔާބު މުއައްސަސާތައް އިޞްލާޙު ކުރުމަކީ އެމަނިކުފާނުގެ އެއް އަމާޒު ކަމުގައި ވިދާޅުވިއެވެ. އަދި މީޑިއާތަކުން ވެސް ބޭނުންވަނީ އެ ފަރާތްތަކުގެ ޙަޤީޤީ ބެލެނިވެރި ފަރާތަކީ ކޮބައިކަން ދެނެގަތުމާއި، އެ ބެލެނިވެރި ފަރާތަކީ އެ މީޑިއާތަކުގެ ޙައްޤުގައި އަޑުއުފުލާނެ ބާރުވެރި ފަރާތެއްކަން ޔަޤީންކުރުން ކަމުގައި ނާޒިމް ވިދާޅުވިއެވެ.

މިފަހަކަށް އައިސް ސޯޝަލްމީޑިއާގެ އެކިއެކި މަންސަތައް ޒުވާނުން ބޭނުންކުރާ މިންވަރު މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޒުވާނުން މުނިފޫހިފިލުވުމުގެ އިތުރުން، ޒުވާނުން އާމްދަނީ ހޯދުމާއި އަދި އެމީހުންގެ ޝުއޫރުތައް ފުޅާކުރާ އެންމެ ވަރުގަދަ މަންސަތަކަކީ ސޯޝަލް މީޑިއާކަމުގައި މިވަނީ ވެފައެވެ. އެހެންކަމުން އެ މަންސަތައް ރެގިއުލެޓް ކުރުމަކީ މުހިންމު ކަމެއް ކަމަށް ހުރިހާ ފަރާތްތަކުންވެސް އެއްބަސްވެ ލައްވާނެއެވެ. އެއީ އެއްވެސް ހާލަތެއްގައި އެފަދަ މަންސަތައް ބްލޮކްކޮށް ނުވަތަ މީޑިއާގެ މިނިވަންކަން ނިގުޅައިގަތުމެއްނޫނެވެ.“

ނާޒިމް ވިދާޅުވި ގޮތުގައި، މިފަދަ މަންސަތައް ބޭނުންކުރާއިރު އަނެކާގެ އަބުރާއި ޢިއްޒަތަށް އިޙްތިރާމްކުރުމަކީ މުހިންމު ކަމެކެވެ. އަނިޔާ ލިބޭ ފަރާތްތަކުން އިންސާފު ހޯދުމަށް މަސައްކަތްކުރާއިރު، އެކަމަށް މަގުފަހިކޮށްދޭ އެންމެ މުހިންމު ވަސީލަތަކީ ސާފުކޮށް ލިޔެވިފައިވާ ޤާނޫނެވެ. އެހެންނަމަވެސް، މި ވަގުތު ދިވެހިރާއްޖޭގައި މިފަދަ ޚާއްޞަ ޤާނޫނެއް ނެތްކަމީ ޙަޤީޤަތެކެވެ. މިއީ އިންކާރުކުރެވެން ނެތް ކަމެއްކަމުގައި ނާޒިމް ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ