މާލެ: 31°C
މީޑިއާ ކައުންސިލުން، 15 އަހަރަށްފަހު ރަޖިސްޓްރީނުކުރާ ނޫސްތަކަށް ފިޔަވަޅު އެޅުމަށް އުސޫލެއް ހަދަނީ

މީޑިއާ ކައުންސިލުން، 15 އަހަރަށްފަހު ރަޖިސްޓްރީނުކުރާ ނޫސްތަކަށް ފިޔަވަޅު އެޅުމަށް އުސޫލެއް ހަދަނީ

February 14, 2024
4 ފަހަރު ބަލާފައި
މީޑިއާ ކައުންސިލުން، 15 އަހަރަށްފަހު ރަޖިސްޓްރީނުކުރާ ނޫސްތަކަށް ފިޔަވަޅު އެޅުމަށް އުސޫލެއް ހަދަނީ
ރަޖިސްޓްރީނުކޮށް ހިންގާ ނޫސްތަކުގެ މައްސަލަބަލާ ފިޔަވަޅު އެޅުމުގެ އުސޫލެއް ހެދުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ނިންމައިފިއެވެ. މީޑިއާ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ، އެ ކައުންސިލުން މިއަދު ބޭއްވި 7 ވަނަ ދައުރުގެ 8 ވަނަ ޖަލްސާގައެވެ. ރަޖިސްޓްރީނުކޮށް ހިންގަމުން އަންނަ ނޫސްތަކަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން މީގެ ކުރިންވެސް ކައުންސިލުގެ ކުރީގެ ދައުރުތަކުގައި އުސޫލްތަކެއް ހެދުމުގެ ވާހަކަތަކެއް ދެކެވުނެވެ. މިކަމާއި ގުޅޭގޮތުން މިނިވަންއާ މައުލޫމާތު ހިއްސާކުރި މީޑިއާ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ، މި އުސޫލުތައް އެކުލަވާލުމަށް ނިންމާފައިވަނީ ކަމާއި ގުޅުންހުރި ހުރިހާ މުއައްސަސާތަކެއްގެ ބައިވެރިވުމާއެކު ކަމަށެވެ. މި އުސޫލްތައް އެކުލަވާލުމަށްޓަކައި ކަމާއި ގުޅުންހުރި ފަރާތްތަކާއެކު ކުރިއަށް އޮތްތަނުގައި މަޝްވަރާތައް ކުރެވިގެންދާނޭކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ. ރަޖިސްޓްރީނުކޮށް ހިންގާ ނޫސްތަކުގެ މައްސަލަ ބޮޑުވެފައިވާއިރު، ސަރުކާރުން ވަނީ ވަރަށްފަހަކުން އެފަދަ ބައެއް ނޫސްތަކަށް ނުވަދެވޭ ގޮތަށްވެސް ހަދާފައެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ އެ ނޫސްތައް އަންބްލޮކޮށްފައެވެ. ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ދައުލަތުގެ ކަމޭބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން 2020 ވަނަ އަހަރުވެސް ނިންމިއެވެ. ނަމަވެސް އެ މަސައްކަތް އެންމެ އެދެވޭގޮތެއްގައި ނުގޮސް ވަނީ ހުއްޓިފައެވެ. މީޑިއާ ކައުންސިލުން ރަޖިސްޓްރީ ނުކުރާ ނޫސްތަކާމެދު ފިޔަވަޅު އެޅުމަށް އުސޫލެއް ހެދުމަށް ފާސްކޮށްފައިމިވަނީ މީޑިއާ ކައުންސިލްގެ ގާނޫނުން މެމްބަރުންގެ މައްޗަށް އެފަދަ ކަންކަން ބެލުމަށް ލާޒިމްކޮށްފައި އޮންނަތާ 15 އަހަރަށްވުރެ ގިނަދުވަސްވީ ފަހުންކަން ފާހަގަކޮށްލެވެއެވެ. މީޑިއާ ކައުންސިލް ގާނޫނު ވުޖޫދަށް އައިސްފައިވަނީ 2008 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 4 ވަނަ ދުވަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ