މާލެ: 31°C
އެމްޑީޕީ ވެރިކަން ނިމުނުއިރު އެސްޑީއެފް ފަންޑުގައި ބިލިއަނުން ފައިސާ ހުންނާނެ. ރައްޔިތުންނަށް ދޮގުނުހައްދަވާ: ސޯލިހް

އެމްޑީޕީ ވެރިކަން ނިމުނުއިރު އެސްޑީއެފް ފަންޑުގައި ބިލިއަނުން ފައިސާ ހުންނާނެ. ރައްޔިތުންނަށް ދޮގުނުހައްދަވާ: ސޯލިހް

April 5, 2024
3 ފަހަރު ބަލާފައި
އެމްޑީޕީ ވެރިކަން ނިމުނުއިރު އެސްޑީއެފް ފަންޑުގައި ބިލިއަނުން ފައިސާ ހުންނާނެ. ރައްޔިތުންނަށް ދޮގުނުހައްދަވާ: ސޯލިހް
އެމްޑީޕީގެ ވެރިކަން ނިމުނުއިރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ގައި ބިލިއަނުން ފައިސާ ހުންނާނޭ ކަމަށާއި، ވެރިކަން ނިމުނުއިރު އެ ފަންޑުގައި ފައިސާ ނެތްކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދަވާ ވާހަކަތައް ކުރީގެ ރައީސް ސޯލިހު ދޮގުކުރައްވައިފިއެވެ. އައްޑޫސިޓީއަށް ނިސްބަތްވާ އެމްޑީޕީ ކެނޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ޟާލިޙް ވިދާޅުވީ، އެމްޑީޕީ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އެސްޑީއެފް ފަންޑުގައި 1.9 ބިލިއަން ރުފިޔާކަމަށާއި، އެމްޑީޕީ ވެރިކަމުން ފޭބިއިރު އެ ފަންޑުގެ ޖުމްލަ އަދަދު 7 ބިލިއަން ރުފިޔާ ފަހަނަ އަޅައި ގޮސްފައިވާކަމަށެވެ. މިކަމުގައި ރައީސް ޑރ.މުއިއްޒު ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލަމުންދާކަން ފާހަގަކުރައްވައި ޟާލިޙް ވިދާޅުވީ ފައިސާއަކީ މޭޒުމަތީގައި ފެންނަ ހިސާބުގައި ބޮނޑިއަށް އަތުރާފައި ބަހައްޓަންޖެހޭ އެއްޗެއް ނޫންކަމަށާއި، އެމްޑީޕީ ސަރުކާރުން އެ ފަންޑުގައި ހުރި ފައިސާއިން އިންވެސްޓްކޮށްފައިވާކަމަށެވެ. ރައީސް ޟާލިހް ވިދާޅުވީ އެސްޑިއެފް ފަންޑުގައި ހުރި ފައިސާއިން އިންވެސްޓްކުރި ނަމަވެސް، އިންވެސްޓްކުރި ފައިސާ ބޭނުން ކޮންމެ ވަގުތަކު ނެދިގާނެ ކަމަށެވެ. އެމްޑީޕީ ވެރިކަމުން ފޭބިއިރު ފަންޑުގައި، 32 މިލިއަން ޑޮލަރު ހުންނާނޭ ކަމަށާއި، ވެރިކަމުން ނިމުނު އަހަރު ފަންޑަށް ފައިސާ ޖަމާކުރަން ފަށާފައިވާކަމަށެވެ. ކޮވިޑް ދުވަސްވަރު ފަންޑުން ބޭނުންކުރިކަން ފާހަގަކުރައްވަމުން ކުރީގެ ރައީސް ޟާލިހް ވިދާޅުވީ، އެދުވަސްވަރު ރާއްޖެއަށް ބޭރުފައިސާ ނުލިބޭ ކަމަށާއި، އެއީ އެފަދަ ހާލަތްތަކުގައި ބޭނުންކުރަން ހުންނަ ފައިސާކަމަށެވެ. "ކޮވިޑުގެ ތެރޭގައި ތެދެއް ރާއްޖެއަކަށް ޑޮލަރެއް ނުލިބޭ.އެ ބޭނުންކުރަންޖެހުނު. އެކަހަލަ ކަންތަކަށް ހުރި ފައިސާއެއް ނޫންތޯ އެއީ.ކޮންމެހެން ކުރިމަތީގައި އަތުރާކަށްނޫނޭ ފައިސާ އެއްކުރަނީ. ފެންނަން ނެތިއްޔާ ނެތްކަމަށް. މިހިރީ އޮޅުވާލުމަށް ދައްކަމުންދާ ވާހަކަ" ރައީސް ޑރ.މުއިއްޒަށް ނިސްބަތްކުރައްވައި ރައީސް ޟާލިޙް ވިދާޅުވިއެވެ. މި ޖަލްސާގައި ރައީސް ޟާލިޙް ވިދާޅުވީ މި ސަރުކާރުން އޭޑީބީ މެދުވެރިކޮށް ހޯދިކަމަށް ބުނާ 75 މިލިއަން ޑޮލަރަކީވެސް އެމްޑީޕީ ވެރިކަމުގައި ހޯދި ފައިސާ ކަމަށާއި، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އެއީ ޔަގީނުންވެސް ލިބޭނޭ އެއްޗެއްގެ ގޮތުގައި ޔަގީންކޮށްފައިވާ ފަންޑެއް ކަމަށެވެ. އެ މުއާމަލާތްތަކުގައި އޭރު އުޅުއްވީ މިނިސްޓަރު ޝައުނާ ކަމަށާއި، މިކަން ކަރުދާހުން ފެންނަން ހުންނާނޭކަމަށްވެސް ރައީސް ޟާލިހް ވިދާޅުވިއެވެ. ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު އިޔާދަކުރުވަނިވި ހަކަތައިގެ 75 މިލިއަން ޑޮލަރުގެ މަޝްރޫޢުއެއްގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާ އެކު މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވަނީ ސޮއިކޮށްފައެވެ. މިއީ ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެއްކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ