މާލެ: 31°C

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލައިފި، ވޯޓުލުން ޖެނުއަރީ 28 ގައި

December 18, 2022
2 ފަހަރު ބަލާފައި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލައިފި، ވޯޓުލުން ޖެނުއަރީ 28 ގައި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލައިފި، ވޯޓުލުން ޖެނުއަރީ 28 ގައި
ވެރިކަންކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ކަނޑަޅަން ބާއްވާ ޕްރައިމަރީ ބާއްވާނެ ތާރީހު އިއުލާނުކޮށް، އެ ޕްރައިމަރީއަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ. ޕްރައިމަރީ ބާއްވާނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ 4:00 އާ ހަމަ އަށެވެ. ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅޭނީ 500 މެމްބަރުންގެ ތާއީދާ އެކުގަ އެވެ. އެއިއުލާނުގައިވާ ގޮތުން ޕްރައިމަރީގައި ވާދަކުރަން ހުށަހަަޅާ ފޯމާއި މެމްބަރުންގެ ތާއީދު ފޯމު ވެސް މިފަހަރު އޮންލައިންކޮށް ވެސް ފުރޭނެ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ މުހުލަތު މިމަހުގެ 24 ގައި ހަމަވުމުން، އޭގެ ދެ ދުވަސް ފަހުން މިމަހުގެ 26 ވަނަ ދުވަހު ކެންޑިޑޭޓުންގެ ލިސްޓް އިއުލާނުކުރާނެ އެވެ. އެ އިންތިހާބުގައި ވޯޓުލެވޭ ފަރާތްތަކުގެ ލިސްޓް އާއްމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހު ހުޅުވައިލާނެ އެވެ. ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުހުލަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހު ކަމަށާއި ވޯޓުލާމީހުންގެ ފައިނަލް ލިސްޓް އާއްމުކުރާނީ ޖެނުއަރީ ތިން ވަނަ ދުވަހު ކަމަށް ވެސް އެމްޑީޕީގެ އިއުލާނުގައި ބުންޏެވެ. ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންގެ މަންދޫބުންގެ ނަންތައް ހުށަހެޅުމުގެ ފުރުސަތު ޖެނުއަރީ 10 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން މިއަދު ހުޅުވައިލި އިރު އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާރު އިއުލާނުކުރައްވާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދުގެ އަރިސް ބޭފުޅުން އެމަނިކުފާނަށް ކެމްޕޭންކުަރައްވާތާ ދުވަސްކޮޅެއް ވެފައި ވާއިރު، ރައީސް ސޯލިހު ވެސް މިހާރު ވަނީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވާނެ "ކެމްޕޭން މެނޭޖަރެއް" ކަނޑައަޅުއްވައިފަ އެވެ. އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރަކީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ