ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން މިއަދު ފޯމު ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ކެންޑިޑޭޓުން ފޯމު ހުށަހެޅީ އެ ޕާޓީގެ ހުރިހާ ކެންޑިޑޭޓުންނާއި ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން އެކުގައި ދަރުބާރުގޭގައި ހުންނަ އިންތިހާބުގެ މަރުކަޒަށް ގޮސްގެންނެވެ. ކެންޑިޑޭޓުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވާއިރު އެމްޑީޕީން ހުރިހާ ދާއިރާއަކަށްވެސް ވާދަކުރެ އެވެ.
ފޯމު ހުށަހަޅުއްވަން ވަޑައިގެން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރާނީ ވީހާވެސް ގިނަ ގޮނޑި ކާމިޔާބުކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފިނަމަ ހިތުހުރި ގޮތެއް ހަދާނެކަން މިވީ ދުވަސްކޮޅުގެ ތެރޭ އެނގިގެން ގޮސްފި ކަމަށެވެ. އެހެންވެ ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގައި ރައްޔިތުން ވިސްނުމަށް ފައްޔާޒް އިލްތިމާސް ކުރެއްވި އެވެ.






