މާލެ: 31°C
އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްގަލަކަށް އަރައި ސަރުކާރު ޒިންމާދާރުކުރުވަން ނިކުމެއްޖެ

އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްގަލަކަށް އަރައި ސަރުކާރު ޒިންމާދާރުކުރުވަން ނިކުމެއްޖެ

January 24, 2024
3 ފަހަރު ބަލާފައި
އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްގަލަކަށް އަރައި ސަރުކާރު ޒިންމާދާރުކުރުވަން ނިކުމެއްޖެ
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ ނޭދެވޭ ކަންކަން ހުއްޓުވައި، އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ސަރުކާރު ޒިންމާދާރުކުރުވަން ނިކުމެއްޖެއެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ބޮޑެތި ވައުދުތައް ވެފައި މިހާރު ފެންނަމުންދަނީ ރައްޔިތުންނަށް ވަރަށްބޮޑަށް އޮޅުވާލުމަށް މަސައްކަތްކުރަމުންދާތަން ކަމަށެވެ. މިގޮތުން ހިޔާ ފްލެޓް ވެރިންނަށް ދެލައްކަ ރުފިޔާގެ ނަގުދު ފައިސާ އެއްވަން ވިދާޅުވެފައި، ކުލިވެސް ކުޑަކުރާނޭކަމަށް ވައުދު ވުމަށްފަހު އެކަންވެސް ނުކޮށް އޮޅުވާލަމުންދާކަން ފައްޔާޒް ފާހަގަކުރެއްވިއެވެ. ފައްޔާޒުި ވިދާޅުވީ އަދުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތާއި އިގްތިސާދީ ސިޔުާސަތުތައްވެސް ހުރީ ކެމްޕެއިނުގައި ވީ ވައުދާ ފުށުއަރާގޮތަށް ކަމަށެވެ. ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު މިވީހާތަނަށް ގެންގުޅެމުން އައިސްފައިވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކަކަާވެސް ގުޅުން ބާއްވައިގެން ކަމަށާއި، ހާއްސަކޮށް ރާއްޖެއަކީ ހާރިޖީ ސިޔާސަތުގައި އަވައްޓެރި ގައުމުތަކަށް ވަރަށްބޮޑު ސަމާލުކަމެއް ދެމުން އައި ގައުމެއްކަމަށެވެ. އެއީ ސަރަހައްދީ ސަލާމަތައްޓަކައި ގެންގުޅެމުން ސިޔާސަތުތަކެއްކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ މިހާރު ސަރުކާރުގެ ސިޔާސަތުތައް ހުރީ އިންޑިއާ ކަނޑުގެ ސުލްހަ މަސަލަސްކަން ގެއްލޭ ގޮތަކަށް ކަމަށެވެ. "މި ސަރުކާރަށް ދެމަސް ވީއިރު، ވަރަށް ނާޒުކު ފައްތަރަކަށް ގުޅުންތައް ގޮސްފައި މިއޮތީ. މީގައި ދެރަ  އޮތީ ދޭދޭ ގައުމެއްގެ ދެމެދުގައި އޮތް ގުޅުން ހީނަރުވުން އެކަންޏެއްނޫން. މުޅި ދުނިޔޭގެ މަޝްރަހު މިއޮތީ ނުރައްކާތެރި ފައްތަރެއްގެ ތެރޭގައި. މެދުއިރުމަތީގައި ހަނގުރާމަ ކުރަމުން އެދަނީ. އެ ހަނގުރާމަ އެދަނީ ފުޅާވަމުން. އެހަކައްދުވަހަކު އަޅުގަނޑުމެންގެ އަވައްޓެރި ގައުމަކާ މެދުއިރުމަތީގެ ގައުމަކާ ދެމެދުވެސް ހަމަލާތައް ބަދަލުކުރިތަން ފެނިގެން ހިނގައްޖެ" ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު މިހާރު ހުރިގޮތުން މި ސަރަހައްދުގައި މިއޮތް ހަމަޖެހުން ގެއްލި ހިގައިދާނޭ ކަމަށާއި، މިއީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ، ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށްފަހު އެމަނިކުފާނުގެ އަމަލުތައް ފެންނަމުންދަނީ، ކުރިން ދެއްކެވި ވާހަކަތަކާއި މުޅިން އިދިކޮޅަށް ކަމަށާއި، ހާރިޖީ ސިޔާސަތަށް އެކަނި ބެލިކަމުގައި ވީނަމަވެސް އެކަން އެބަ ފެންނަމުންދާކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އިންޑިއާ އާއި ދެކޮޅަށް ގެންގުޅެމުން އަންނަ ސިޔާސަތުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށާއި، އެގައުމާ އެހާބޮޑަށް ޖައްސާލައިގެން އުޅެންވާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. " ހާރިޖީ ސިޔާސަތުގެ ކަންކަން ނިންމަވާއިރު ރާއްޖެ ކަހަލަ ކުޑަ ގައުމެއްގައި ވަރަށް ގިނަ އެހެން ގައުމުތަކަށް އަދި ޖަމިއްޔާތަކަށް ބަރޯސާވެގެން އޮންނަ ގައުމެއް އެހާބޮޑު އަވައްޓެރިއެއްގެ އަދި ބޮޑުބާރެއްގެ ގޮތުގައި އޮންނައިރު އެގައުމަކާ ޖައްސާލައިގެން އުޅުމަކީ ރަނގަޅުގޮތެއް ނޫން" ހަސަން ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަދުގެ ސަރުކާރުން އިންޑިއާ އާ ދޭތެރޭ ކަންކުރަމުންދާ ގޮތުގެ ނޭދެވޭ އަސަރު ފެނިގެންދާކަމަށާއި، އަދި މިހާތަނަށް ބޮޑު ކަމެއް ފެނިގެން ނުދިޔަނަމަވެސް ސަރުކާރުން ކަންކަން ކުރަމުން ދަނީ ޒިއްމާދާރު ގޮތުގައި ނޫންކަމަށެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން އެއްގަލަކަށް އަރައި ސަރުކާރު ޒިއްމާދާރުކުރަން ނިކުތްއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ނިމިގެންދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުވުމުގެ އެންމެބޮޑު ސަބަބަކީ ޑިމޮކްރެޓްސްއެވެ. އެމްޑީޕީގެ އިސް ބޭފުޅުންކޮޅެއް ޕާޓީން ނިކުމެގެންގޮސް ޑިމޮކްރެޓްސް ހަދައި، އެޕާޓީން ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައިވެސް ވާދަކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ