މާލެ: 31°C
މޭޔަރުކަމަށް ހުވާކުރުން އަންނަ ހޯމަ ދުވަހުގެ ރޭ، ރައީސް ބައިވެރިވެވަޑައިގަންނަވާނެ

މޭޔަރުކަމަށް ހުވާކުރުން އަންނަ ހޯމަ ދުވަހުގެ ރޭ، ރައީސް ބައިވެރިވެވަޑައިގަންނަވާނެ

January 17, 2024
3 ފަހަރު ބަލާފައި
މޭޔަރުކަމަށް ހުވާކުރުން އަންނަ ހޯމަ ދުވަހުގެ ރޭ، ރައީސް ބައިވެރިވެވަޑައިގަންނަވާނެ
މާލެ ސިޓީގެ މޭޔަރުކަމަށް ހޮވިފައިވާ އާދަމް އާޒިމް އާއި މާލޭގެ ދާއިރާތަކަށް ހޮވުނު މެންބަރުންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހަފްތާ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ސިޓީ ކައުންސިލަށް އިންތިހާބުކުރި މެންބަރުންނާއި މޭޔަރުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށާއި އިންތިހާބުގެ ރަސްމީ ލިޔުންތައް އީސީން ފޮނުވުމާއެކު ހުވާކުރުމުގެ ރަސްމިއްޔާތާ ގުޅޭ ކަންކަން ފެށިގެންދާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ، އަލަށް ހޮވިވަޑައިގެންނެވި މޭޔަރު އަދި ކައުންސިލާއި ގުޅުނު މެންބަރުންވެސް ގުޅިގެން މަސައްކަތްތަކެއް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށެވެ. މާލޭގެ މޭޔަރަކު ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ކާމިޔާބުކުރެއްވީ 7،621 ވޯޓުންނެވެ. އޭނާއާ އެންމެ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ބިލިވަޑައިގެންނެވީ 5،032 ވޯޓެވެ. މި އިންތިހާބު އާޒިމް ކާމިޔާބުކުރެއްވީ އާޒިމާއާ ދެމެދު 2،590 ވޯޓުގެ ތަފާތަކުންނެވެ. ބައި އިލެކްޝަން ބޭއްވި ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ދެން ލިބުނު ގޮނޑިއަކީ މެދު ހެންވޭރު ދާއިރާގެ ގޮނޑިއެވެ. އެ ގޮނޑި އަށް އިންތިހާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި އަހުމަދު ރިޝްވާންއެވެ. އަދި ބާކީ 2 ދާއިރާކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ ކާމިޔާބު ކުރައްވާފައިވާއިރު، މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމެވެ. މިއީ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ