މާލެ: 31°C
މަސްވެރިންނަށް ނުދީ ހުރި ފައިސާ ދީ، ބެކްލޮގް ފިލުވައިފި

މަސްވެރިންނަށް ނުދީ ހުރި ފައިސާ ދީ، ބެކްލޮގް ފިލުވައިފި

March 11, 2024
2 ފަހަރު ބަލާފައި
މަސްވެރިންނަށް ނުދީ ހުރި ފައިސާ ދީ، ބެކްލޮގް ފިލުވައިފި
މިދިޔަ ހުކުރު ދުވަހާ ހަމައަށް މިފްކޯއަށް މަސް ކިރުވުމަށް ފަހު މަސްވެރިންނަށް ލިބެން ޖެހޭ ހުރިހާ ފައިސާ ދީ ހަލާސްކޮށްފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.
"މިއަދު ދެވުނު ފައިސާއާއެކު, މަސްވެރިން މިދިޔަ ހުކުރު ދުވަހާ ހަމައަށް ބޭނި ހުރިހާ މަހަށް ފައިސާ ދީ މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ," ރައީސް މުއިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ރޭ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް  ވެސް ވަނީ އޭގެ ތަފްސީލު ދެއްވާފައެވެ. މިނިސްޓަރު ޝިޔާމް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ ސަރުކާރު ނިމުނުއިރު މަސްވެރިންނަށް ނުދައްކާ އޮތް 250 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާގެ ބެކްލޮގެއް އޮތް ކަމަށެވެ. މި ސަރުކާރުން އެ ބެކްލޮގް ފިލުވާލައި، މިހާރު މަސްވެރިންނަށް ޖުމުލަ 787 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ މައްސަލައަކީ މަސްވެރިން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ. އެގޮތުން މިދިޔަ މަހު މަސްވެރިން އިހުތިޖާޖު ކުރުމުން، ސަރުކާރުން ފުރަތަމަ ބުނެފައި ވަނީ މިމަހު 6 ގެ ކުރިން ނުދީ ހުރި ފައިސާ ދީ ހަލާސްކުރާނެ ކަމަށެވެ. ނަމަވެސް ފަހުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ރޯދައިގެ ކުރިން އެފައިސާ ދޭނެކަމަށެވެ.

މަސްވެރިންގެ ބެކްލޮގް އެއްކޮށް ހަލާސްކުރުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ