މާލެ: 31°C
މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފިން: މިފްކޯ

މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފިން: މިފްކޯ

February 21, 2024
3 ފަހަރު ބަލާފައި
މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފިން: މިފްކޯ
ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު، ނުދީ ގިނަދުވަސްވެފައިހުރި ފައިސާ ދޫކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށް މިފްކޯއިން ބުނެފިއެވެ. މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ މައްސަލައާ ގުޅޭގޮތުން މިފްކޯއިން މިއަދު ބުނީ، މަސްއޮޑި ފަހަރަށް ދޭންޖެހޭ ފައިސާގެ ކަންކަން ކަމާއިބެހޭ ވުޒާރާތަކާއި، މަސްވެރިން ހިމެނޭގޮތަށް ގުޅިގެން މިފްކޯގެ މެނޭޖްމަންޓުން ކުރަމުން ގެންދާ ކަމަށެވެ. މިގޮތުން ކޫއްޑޫގައި ބޭއްވިގެން ދިޔަ ބައްދަލުވުމުގައި ފާހަގަކުރި ކަންކަމާ އެއްގޮތަށް މިއަދުން ފެށިގެން ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިފްކޯއިން ބުންޏެވެ. މަސްވެރިންގެ ފަރާތުން ފެނިގެންދާ ކެތްތެރިކަމާއި ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މިފްކޯއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންގެންދަނީ މަސްވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަވަސް ހިދުމަތެއް ފޯރުކޮށް ދިނުމަށް ކަމަށެވެ. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ މިއަދާއި މާދަމާ މި ދެދުވަހު މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދޫކުރާނޭކަމަށް ވިދާޅުވެފައެވެ. މިއީ އަންނަ ހޯމަދުވަހުގެ ކުރިން ދޭން ބުނި 100 މިލިއަން ރުފިޔާގެ ތެރެއިން ބައެކެވެ. ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު 300 މިލިއަން ރުފިޔާއިން މަތީގައި އުޅޭއިރު، މަސްވެރިންގެ އަތުން މަސްކިރުވާފައި ފައިސާ ދިނުން ލަސްވާ މައްސަލާގައި މަސްވެރިން ދަނީ ގއ ކޫއްޑޫގައި އިހުތިޖާޖު ކުރަމުންނެވެ. [caption id="attachment_98067" align="alignnone" width="800"] މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީގެން ކޫއްޑޫގައި ކުރަމުންގެންދާ އިހުތިޖާޖުގެ ތެރެއިން...[/caption] މަސްވެރިން ކޫއްޑޫގައި އިހުތިޖާޖު ކުރިއަށްދަނިކޮށް މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވަނީ އެތަނަށް ވަޑައިގެން މަސްވެރިންގެ ޝަކުވާތައް އަޑުއައްސަވާފައެވެ. މަސްވެރިންގެ ޝަކުވާތައް އަޑު އެއްސެވުމަށްފަހު މިނިސްޓަރު ވަނީ މަސްވެރިންނަށް ފައިސާ ދިނުމަށް ތާރީހުތަކެއް ދެއްވާފައެވެ. ނަމަވެސް މަސްވެރިން އެކަމާ އެއްބަސްނުވެ، އިހުތިޖާޖުކުރުން ވަނީ ކުރިއަށްގެންގޮސްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ