މަސްވެރިން މިފްކޯއަށް ކިރުވި މަހަށް ލިބެންޖެހޭ ފައިސާ ހޯދަން އިއްޔެއިން ފެށިގެން ކޫއްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ ކޮޅެއްގައި ނުޖެހެނިސް ހުއްޓާ ނުލާނެކަމަށް މަސްވެރިން ބުނެފިއެވެ.
މުޒާހަރާގައި އިސްކޮށް ކޫއްޑޫގައި ހަރަކާތްތެރިވާ ކެޔޮޅަކު ބުނީ ފައިސާ ނުލިބޭތާ 3 މަސްވާން ގާތްވެފައިވާއިރު ފައިސާ ދިނުމުން ނޫނީ މުޒާހަރާ ހުއްޓާ ނުލާނެކަމަށެވެ. އަދި ކުރިއަށްއޮތްތާންގައި މުޒާހަރާ އިތުރަށް ވަރުގަދަކުރާނެ ކަމަށް ކެޔޮޅު ބުންޏެވެ.

މަސްވެރިން މުޒާހަރާ ކުރަން ފެށުމުން ފިޝަރީޒް މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް ދޭންުޖެހޭ ހުރިހާ ފައިސާއެއް އަންނަ މަހުގެ 5ގެ ކުރިން ދީ ނިންމާނެ ކަމަށެވެ. އަދި އޭގެ ފަހުން ކޮންމެ ހަފްތާއެކު މަސްވެރިންނަށް ފައިސާ ދެއްވާނެކަމަށެވެ. ނަމަވެސް އިހުތިޖާޖު އިތުރަށް ހޫނުވުމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ކޫއްޑުއަށް ވަޑައިގެން މަސްވެރިންނާ ބައްދަކޮށް މަޝްވަރާކޮށްފައެވެ، ނަމަވެސް މަސްވެރިންގެ ޑިމާންޑްތަކަށް ހައްލެއް ނުލިބުނެވެ. މަސްވެރިން ބުނަމުން ދަނީ މިނިސްޓަރުގެ ވާހަކައަށް އިތުބާރެއް ނެތް ކަމަށާއި މުޒާހަރާއަށް ނިކުތީ ވަރަށް ދުވަހު ކެތް ކުރުމަށް ފަހުކަމަށެވެ. އެހެންކަމުން ފައިސާ ލިބުމުން ނޫނީ މުޒާހަރާ ނުހުއްޓާނެ ކަމަށެވެ.

މަސްވެރިންނަށް ފައިސާ ނުދޭތާ 2 މަހަށްވުރެ ގިނަ ދުވަސްވަފައިވާއިރު މަސްވެެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާގެ އަދަދު 300 މިލިޔަން ރުފިޔާއާ ގާތްކުރެއެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު 17 ރުފިޔާއިން 25 މަހުގެ އަގު ބޮޑުކުރިއެވެ. އޭގެފަހުން 25 ރުފިޔާއަށް ގަންނަމުން އައި މަސް ކިލޯއެއް މިދިޔަ ހަފްތާގައި ވަނީ 20 ރުފިޔާއަށް ކުޑަކޮށްފައެވެ. މަސްވެރިންނަށް ރައީސް މުއިއްޒު ވީ އެންމެ ބޮޑު ވައުދަނީ 20 ރުފިޔާއަށްވުރެ މަސްކިލޯއެއްގެ އަގު ދަށް ނުކުރުމަށާއި ކިރާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދިނުމެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، މަސްވެރިން ބާނާ ބަހަށް ވަގުތުން ފައިސާ ދިނުމުގެ ކަންކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.