މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމްކުރުމަށް އަމިއްލަ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
ނެޝަނަލް ޑްރަގް އޭޖެންސީން މިއަދު ގެޒެޓްކުރި އާއްމު އިއުލާނެއްގައި ބުނެފައިވަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުނަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުޤުވެރިވާ އަމިއްލަ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާކަމަށެވެ.
ފަރުވާދޭ ސެންޓަރު ގާއިމްކުރުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްގައި ފުރިހަމަވާންޖެހޭ ކަންކަން:
- - އައުޓް ޕޭޝަންޓް ޑީޓޮކްސިފިކޭޝަން ޚިދުމަތް ފޯރުކޮށްދިނުން
- - ސައިކޭޓްރިކް އިވެލުއޭޝަން ހެދުން
- - ކައުންސެލިންގ ޚިދުމަތް ދިނުން
- - ސައިކޯ-ސޯޝަލް ތެރަޕީ ޚިދުމަތް ދިނުން
- - ޑްރަގް ޓެސްޓްކުރުން
- - ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުން
ރިހިބިލިޓޭޝަން ސެންޓަރު ގާއިމްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް މައުލޫމާތު ދިނުމުގެ ސެޝަނެއް ޖެނުއަރީމަހުގެ 17 ވަނަ ދުވަހު ނެޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ރިހިބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ހުއްދަ އަމިއްލަ ފަރާތްތަކަށް ވަރަށް އަވަހަށް ދޭނޭކަމަށް މި ސަރުކާރުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވަނީ ވަރަށްފަހުން ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވަނީ އަމިއްލަ ފަރާތްތަކަށް އެފުރުސަތު ދިނުމުގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ފަރުވާދޭ ސެންޓަރުތައް އެޅުމަށްވެސް ނިންމާފައިވާކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒުތައް އެޅުމަށް ނިންމާފައިވަނީ ނ.ވެލިދޫ، ކ.ކާށިދޫ އަދި ހައްދުންމަތީގައެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުނަށް މިހާރު ފަރުވާ ދިނުމަށް ރާއްޖޭގައި ނެޝަނަލް ޑްރަގް އޭޖެންސީން 6 ސެންޓަރެއް ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގައެވެ.
އެންޑީއޭއިން ހިންގާ ސެންޓަރުތައް:
- ކ.ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު.
- ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސް.
- ހދ.ހަނިމާދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު.
- ފުވައްމުލައް ސިޓީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރު.
- އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު.
- ގދ.ތިނަދޫ ސިޓީގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު.
އަމިއްލަ ފަރާތްތަކަށް ރިހެބް ސެންޓަރުތައް ހިންގުމަށް ރައީސް ސޯލިހުގެ ސަރުކާރުންވެސް މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ އާބާދީއަށް ބަލާއިރު މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ އަދަދު ގިނަ ވަމުން އަންނަކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނާއިރު، އަމިއްލައަށް އެދިގެން ފަރުވާ ހޯދަން ބޭނުންވާ 800 އަށްވުރެ ގިނަ މީހުން ތިބިކަމަށް ސަރުކާރުން ބުނެއެވެ.