މާލެ: 31°C

މަސްތުވާތަކެއްޗާ އެކު ވައިގެ މަގުން ރާއްޖެއަށް އަންނަ މީހުން ފޮނުވައިލެވޭ ގަވައިދެއް!

January 29, 2023
2 ފަހަރު ބަލާފައި
މަސްތުވާތަކެއްޗާ އެކު ވައިގެ މަގުން ރާއްޖެއަށް އަންނަ މީހުން ފޮނުވައިލެވޭ ގަވައިދެއް!
މަސްތުވާތަކެއްޗާ އެކު ވައިގެ މަގުން ރާއްޖެއަށް އަންނަ މީހުން ފޮނުވައިލެވޭ ގަވައިދެއް!
ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ މީހުން އަނބުރާ ފޮނުވައިލެވޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ގަވައިދެއް ހަދައިފި އެވެ. "ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެފަރާތްތަކާ މެދު އަމަލުކުރާނެ ގޮތުގެ ގަވައިދު" ގެ ނަމުގައި އިމިގްރޭޝަނުން މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކުރި ގަވައިދުގައިވާ ގޮތުން ، ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހާ ވަކި ހާލަތްތަކެއްގައި ، އެތެރެވުމުގެ ހުއްދަ ނުދީ ފޮނުވައިލުމުގެ އިޚުތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް އޮންނާނެ އެވެ. އެގޮތަށް މީހަކު ފޮނުވައިލުމާއި މެދު ގޮތް ނިންމާނީ އެ ގަވައިދުގެ ދަށުން ކަނޑައަޅާފައި ހުންނަ ފޯކަލްޕޮއިންޓްގެ މަޝްވަރާ އާ އެކުގަ އެވެ. އެ ގަވައިދުގެ (4) ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ބިދޭސީއަކު ރާއްޖެއަށް އެތެރެވުުމުގެ ހުއްދަ ނުދީ އެގޮތަށް ފޮނުވައިލާނީ ތިން ހާލަތެއްގަ އެވެ. ފުރަތަމަ ހާލަތަކީ އެމީހާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު، ފުލުހުންނަށް ނުވަތަ ކަސްޓަމަސް އަށް ލިބިފައި ވުމެވެ. ދެވަނަ ހަލާތަކީ އެމީހެއްގެ ލަގެޖްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވުމެވެ. އެމީހަކީ އެހެން ގައުމަަކަށް މަސްތުވާތަކެތި ގެންދަން ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާ މީހެއް ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމެވެ. އެ މާއްދާގައި އެހެން އޮތް ނަމަވެސް މަސްތުވާތަކެތީގެ ވިއުގައެއް ދެެނެގަތުމަށް ޓަކައި ތަންފީޒީ އިދާރާއަކުން ހިންގާ އޮޕަރޭޝަނެއްގެ ބޭނުމަށް، މީހަކު އެތެރެވުމުގެ ހުއްދަ ދިނުމަކަށް ހުރަހެއް ނާޅާ ކަމަށް އެ މާއްދާގެ (ށ) ގައި ވެ އެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ ތުހުމަތު ކުރެވޭ މީހަކާ މެދު އިމިގްރޭޝަނުން އަމަލުކުރަން އެ ގަވައިދުގައި އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ ސީދާ އިމިގްރޭޝަނުން އޭނާ ފުލުހުންނާ ހަވާލުކޮށް ހައްޔަރުކުރުމެވެ. ދެވަނަ ގޮތަކީ އެމީހާ އައި އެއާލައިނާ ވާހަކަ ދައްކައިގެން އަނބުރައި ފޮނުވައިލުމެވެ. މަސްތުވާތަކެއްޗާ އެކު ވައިގެ މަގުން އަންނަ މީހަކު ހިފަހައްޓާ ވަގުތުން ފެށިގެން އެމީހާގެ ހުރިހާ ކަމެއް ބަލަހައްޓާނީ ފުލުހުން ކަމަށް ވެސް އެގަވައިދުގައި އެބަ އޮތެވެ. އިމިގްރޭޝަނުން މިފަދަ ގަވައިދެއް ގެޒެޓްކޮށްފައި މިވަނީ ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތަށް ހިފެހެއްޓި މީހަކު ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރި އިރު އެމީހާގެ ލަގެޖް ހަވާލުނުކުރި މައްސަަލައެއް ދިމާވެފައި ވަނިކޮށެވެ. އެފަހަރު އެމީހާގެ ލަގެޖަށް ވީ ގޮތެއް ނޭނގިފައި ވާއިރު، އެމީހާ ބަންދުގައި ބަހައްޓާނެ ހެކިނެތިގެން ވަނީ ދޫވެސް ކޮށްލައިފަ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ