މާލެ: 31°C
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން މީހަކު ހައްޔަރު ކޮށްފި

July 17, 2023
2 ފަހަރު ބަލާފައި
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން މީހަކު ހައްޔަރު ކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ އަތޮޅަކުން ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި ތިން މީހުން ހައްޔަރު ކޮށްފައިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ކަމަށެވެ. އެ އޮޕަރޭޝަންތަކުގެ ތެރެއިން ފުލުހުން ބުނީ، ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރާ ބޯޓަކުން މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މިއަދު ހިންގި އެ އޮޕަރޭޝަނުގައި 45 އަހަރުގެ ދިވެހި ފިރިހެނެއް ކުޅުދުއްފުށި ބަނދަރު ސަރަހައްދުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި، އޭދަފުށީގައި ހިންގި އޮޕަރޭޝަނަކީވެސް އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި މަހުގެ 15 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 45 އަހަރުގެ ދިވެހި ފިރިހެނެއް އެރަށު ބަނދަރުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާ ގުޅިގެން އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު އޭދަފުށި މެޖިސްޓްރޭޓް ކޯޓުން ދީފައިވެއެވެ. މީގެ އިތުރުން ފުލުހުން ބުނީ، ކަމަދޫގައި ހިންގި އޮޕަރޭޝަނަކީ  އެ ރަށުގައި މީހަކު ބަނގުރާ ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 51 އަހަރުގެ ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.  އަދި އޭނާ ދިރިއުޅޭ ކޮޓަރި ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމް.އެލްގެ ތިން ފުޅި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދީފައިވެއެވެ. މި މައްސަލަތައް ފުލުހުން ގެންދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ