މާލެ: 31°C

 މަޝްހޫރު ސާކަސް "ދަ އެލިފެންޓް މޭން" ހާތުގެ ވާހަކަ

August 20, 2024
2 ފަހަރު ބަލާފައި
 މަޝްހޫރު ސާކަސް "ދަ އެލިފެންޓް މޭން" ހާތުގެ ވާހަކަ
 މަޝްހޫރު ސާކަސް "ދަ އެލިފެންޓް މޭން" ހާތުގެ ވާހަކަ
ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މެދު ދުނިޔެ މިހާރު މާ އޯގާތެރިވެ ވިސްނާފާނެ އެވެ. ނަމަވެސް މީގެ ގަރުނެއް ކުރިން ދުނިޔޭގައި އުޅުނު އެލިފެންޓް މޭންގެ ނަމުން މަޝްހޫރުވެފައިވާ ޖޯސެފް މެރިކްގެ ހަޔާތަކީ އޭނާގެ އާދަޔާ ހިލާފު ސިފައިގެ ސަބަބުން ހިތާމައިން ފުރިފައިވާ ހަޔާތެކެވެ. ޖޯސެފް ކެރީ މެރިކް އުފަންވީ 1862 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު އިންގްލެންޑްގެ ލެސްޓާގެ ދެމަފިރިން ކަމަށްވާ ޖޯސެފް ރޮކްލީ އާއި މޭރީ ޖޭން މެރިކް އަށެވެ. އެ އެދުވަސްވަރު އިންގުލަންޑުގައި އާއްމުވެފައިވާ ސްމޯލްޕޮކްސް ގެ ސަބަބުން އެއާއިލާގެ ދިރިއުޅުމުގެ ހާލަތު ދަށްވިނަމަވެސް  ޖޯސެފްއަކީ އުފަންވިއިރު ދުޅަހެޔޮ ސިއްހަތެއްގައި ހުރި ކުއްޖެކެވެ. ނަމަވެސް އުމުރުން 21 މަސް ފުރުމާއެކު އޭނާގެ ތުންފަތް ދުޅަވާން ފެށިއެވެ. އެއަށްފަހު އޭނާގެ ނިތްކުރިން އިތުރު ކަށިކޮޅެއް އުފެދި ބޮޑުވާން ފެށިއެވެ.  އަދި އޭނާގެ މޫނުގެ ހަންގަނޑު ވެސް ދެމި ދޫވާން ފެށިއެވެ. ޖޯސެފްގެ  ޢުމުރުން ފަސް އަހަރުވީއިރު އޭނާގެ ހަށިގަނޑުން ބޮޑެތި އައިބުތައް ފެންނަން ފެށިއެވެ. އޭނާގެ ކަނާއަތް އޭނާގެ ވާއަތައްވުރެ ދެގުނަ ބޮޑުވިއެވެ. އަދި އޭނާގެ ފައިވެސް އައިބުގެ ބޮޑުވެގެން ގޮސްފައިވެއެވެ. ދުވަސްވަމުން ދިޔަވަރަކަށް އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ބޮޑުވަމުން ދިޔައެވެ. އަދި އޭނާގެ ހަންގަނޑު ވެސް ހަރުވެ، ކުރަކިވާން ފެށިއެވެ. ޖޯސެފްގެ މަންމައަކީ ވެސް ނުކުޅެދުންތެރެރިކަން ހުންނަ މީހެކެވެ. ޖޯސެފްގެ މަންމަ ގަބޫލުކުރާ ގޮތުން ޖޯސެފްގެ އެހާލަތް މެދުވެރިވީ އޭނާގެ ސަބަބުންނެވެ. އެކަން މެދުވެރިވި ސަބަބެއްކަމަށް ޖޯސެފް މަންމަ ބުނަނީ އޭނާ މާބަނޑު ދުވަސްވަރު ކުޅިވަރުކުޅޭ ތަނަކަށް ގޮސް އުޅުމުގެ ތެރޭގައި އެތަނުން ފިލައިގެން ދިޔަ އެތެއް އޭނާ ވައްޓާލައި ބިރުގަންނަވާލުމާ ގުޅިގެންނެވެ. ޖޯސެފް ވިހެއީ އޭގެ ތިން މަސް ފަހުންނެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި ޖޯސެފްގެ ހަށިގަނޑުން ފެންނަ އާދަޔާ ހިލާފު ކަންތައްތަކަށް މަގުފަހިވެދާނެ ދެ ބައްޔެއްގެ ތެރެއިން އެއް ބައްޔަކީ ނުވަތަ އެއް ތިއަރީއަކީ ޕްރޮޓިއަސް ސިންޑްރޯމް ނަމަކަށް ކިޔާ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. އެބަލިޖެހުމުން ހަންގަނޑާއި ކަށިތައް މާ ބޮޑަށް އުފެދުމަށް މަގުފަހިވެއެވެ. ދެވަނަ ތިއަރީއަކީ ނިއުރޯފައިބްރޯމެޓޯސިސް ނަމަކަށް ކިޔާ ޖެނެޓިކް ޑިސްއޯޑާއެއްގެ ސަބަބުން ވާކަމަކަށް ވުމެވެ. އޭގެ ސަބަބުން ނާރުގެ ޓިޝޫތަކުގައި ހުންނަ ޓިއުމަރުތައް ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ފަހުން އޭނާގެ ސިކުނޑިއަށާއި ކަށިގަނޑަށް އޭގެ އަސަރު ކުރީކަމަށް ވެދާނެކަމެވެ. ޖޯސެފްގެ މި އާދަޔާ ޚިލާފު ބައްޔާއެކުވެސް އޭނާގެ މަންމަ ދިޔައީ އޭނާ ސްކޫލަށް ފޮނުވައި ކިޔަވައި ދެމުންނެވެ. އެހެން ނަމަވެސް އޭނާ އަށް 11 އަހަރުގައި އޭނާގެ މަންމަ މަރުވިއެވެ. އަދި އެއަށްފަހު އޭނާގެ ބައްޕަ ދެވަނަ ކައިވެންޏެއް ކުރިއެވެ. އަދި ޖޯސެފް ދޮން މަންމަ އޭނާ އެމީހުންގެ ގޭގައި އުޅެން ބޭނުން ނުވާތީ 13 އަހަރުގައި ވަޒީފާއެއް އަދާކުރަން މަޖުބޫރުވިއެވެ. ޖޯސެފް މަސްކަތްކުރީ ސިނގިރޭޓް އުފައްދާ ފެކްޓަރީއެއްގައި ސިނގިރޭޓް އޮޅުމުގެ މަސައްކަތްކުރާ މީހަކަށެވެ. އެހެން ނަމަވެސް އޭނާ އަތް މާ ބޮޑަށް ބޮޑުވެ އެ މަސައްކަތްވެސް ކުރެވޭ ގޮތެއް ނުވިއެވެ. އެއަށްފަހު ޖޯސެފްގެ ބައްޕަ ފަރާތުންވެސް އަނިޔާތަކާ ކުރިމަތިވެ ބައްޕަ އޭނާ ދޮރުން ދޮރަށް ހިނގަންޖެހޭފަދަ ސޭލްސް މޭންއެއްގެ ވަޒީފާ އަށް ފޮނުވިއެވެ. އެހެން ނަމަވެސް އޭނާ މޫނުގައި އުފެދުނު އައިބުތަކުގެ ސަބަބުން ނުކެވުމާއި ވާހަކަ ދައްކަން ދަތިވުމުގެ ސަބަބުންނާއި އަދި އޭނާގެ ސިފަ ފެނުމުން މީހުން ބިރުގަނެ އެ ވަޒީފާވެސް އަދާކުރެވޭ ގޮތެއް ނުވިއެވެ. ޖޯސެފް އޭނާގެ ހާލަތާއެކު ދިރިއުޅުން ކުރިއަށް ގެންދިޔުމަށް ދެން ކުރަންފެށި މަސައްކަތަކީ ލެސްޓާގެ ސާކަސް އެއްގައި މަސައްކަތް ކުރުމެވެ. މި ސަރަކަސްގައި އޭނާ މަޝްއޫރުވީ އެލެފެންޓް މޭން ގެ ނަމުންނެވެ. އަދި މި މަސައްކަތްކޮށްގެން އޭނާ ގިނަ އަދަދެއްގެ ފައިސާ ހޯދިއެވެ. އެއަށްފަހު އޭނާ ބެލްޖިއަމްގެ ސާކަސްއެއްގައިވެސް މަސައްކަތް ކޮށްފައިވެއެވ. ބެލްޖިއަމްގައި ހުއްޓައި ޖޯސެފް ގެ އާ މެނޭޖަރު އޭނާގެ ހުރިހާ އެއްޗެއް ފޭރިގަނެ ފިލުމުން އޭނާ މަގުމަތި ވިއެވެ. އެއާއެކު ޖޯސެފް ކޮންމެވެސް ގޮތަކުން އެނބުރި އިންގްލެންޑަށް ގޮސް ޑރ.ފްރެޑްރިކް އާއި ބައްދަލުކުރިއެވެ. ޑރ.ފްރެޑްރިކް ވަނީ ހޮސްޕިޓަލުގައި ފަރުވާ ލިބޭނެ ގޮތް ހަދައިފަ އެވެ. އަދި ޑރ.ފްރެޑްރިކް ވަނީ ޖޯސެފަށް ބޭނުންވާ ހާއްސަ ފަރުވާއަށް ފައިސާ ހަދިޔާ ކުރެވޭނެ ފަންޑެއް ވެސް އުފައްދަވައިފަ އެވެ.އަދި ލަންޑަން ހޮސްޕިޓަލުގައި ޖޯސެފް ހޭދަކުރީ ހިތްހަމަޖެހޭ ހަތަރު އަހަރެވެ. އެ ދުވަސްވަރު މަޝްހޫރު ތިއޭޓަރުގެ ގިނަ ޝަހުސިއްޔަތުން އޭނާ އަށް ޒިޔާރަތްކޮށް އެހާ ގިނަ ބަޔަކު މުނިފޫހިފިލުވައިދިން މީހާއަށް ތާއީދު ކުރާކަން ހާމަކުރި އެވެ. އެހެންނަމަވެސް އޭނާގެ ބަލި ބޮޑުވެ ލަންޑަންގެ ހޮސްޕިޓަލެއްގައި އޭނާ މަރުވީ 11 އޭޕްރިލް 1980 ގައެވެ. އޭނާ މަރުވީ ނިދަން އޮވެވުނު ގޮތެއްގެ ސަބުބުން ކަނދުރާގެ ހުޅު ނަންޓައިގެން ދިޔުމުގެ ސަބަބުންނެވެ. އޭނާ މަރުވި ފަހުން އޭނާގެ ވާހަކަ ވަރަށް ގިނަ ސްޓޭޖްތަކާއި ފިލްމް ޕްރޮޑަކްޝަންތައް ވަނީ ގެނެސްދީފަ އެވެ. އޭގެ ތެރޭގައި ޑޭވިޑް ލިންޗް 1980 ގައި ގެނެސްދިން "ދަ އެލިފަންޓް މޭން" އަކީ އޭނާގެ ހަޔާތް ދައްކުވައިދޭ ފިލްމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ