މާލެ: 31°C
މާޗް މަހަށް އަންދާޒާކުރި އަދަދަށްވުރެ %26 އިތުރަށް މީރާއަށް އާމްދަނީ ލިބިއްޖެ

މާޗް މަހަށް އަންދާޒާކުރި އަދަދަށްވުރެ %26 އިތުރަށް މީރާއަށް އާމްދަނީ ލިބިއްޖެ

April 17, 2024
3 ފަހަރު ބަލާފައި
މާޗް މަހަށް އަންދާޒާކުރި އަދަދަށްވުރެ %26 އިތުރަށް މީރާއަށް އާމްދަނީ ލިބިއްޖެ
މިދިޔަ މާޗް މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %26 އިތުރު އާމްދަނީއެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިއްޖެއެވެ. މާޗް މަހު މީރާއަށް ލިބުނީ 2.94 ބިލިއަން ރުފިޔާގެ އާމްދަނީއެއް ކަމަށްވާއިރު، މިއަދަދަކީ ވޭތުވެ ދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ %34.4 އިތުރު އަދަދެކެވެ. މީރާއިން އާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި މިދިޔަ މާޗް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކޮށްފައި ވަނީ ޖީއެސްޓީންނެވެ. އެއީ 1.52 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 589.65 މިލިއަން ރުފިޔާއެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 370.57 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 113.80 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 106.12 މިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 240.62 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ހަމައެއާއެކު، މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 119.67 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ. އެގޮތުން، މީރާއިން މައުލޫމާތުދޭ ގޮތުގައި މިދިޔަ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސް، ޓީޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އަދި ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، ބޭންކް އިންކަމް ޓެކްސްގެ ކުރިއަށް ހުރި ސުންގަޑިތަކުގެ ފައިސާ މާޗް މަހުގެ ތެރޭގައި ދައްކާފައިވާތީ މާޗްމަހު ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް ވެސް މީރާއިން ހާމަކުރެއެވެ. މީރާއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު މިއަހަރުގެ މާޗް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމަކީވެސް މީރާއަށް ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ