މާލެ: 31°C

މަންމައަށް މަރުގެ އިންޒާރުދިން މީހަކަށް 2 މަހުގެ ޖަލު ހުކުމެއް

މަންމައަށް މަރުގެ އިންޒާރުދިން މީހަކަށް 2 މަހުގެ ޖަލު ހުކުމެއް
June 17, 2023
2 ފަހަރު ބަލާފައި
މަންމައަށް މަރުގެ އިންޒާރުދިން މީހަކަށް 2 މަހުގެ ޖަލު ހުކުމެއް
މަންމައަށް މަރުގެ އިންޒާރު ދިން މީހަކު ދެ މަހަށް ޖަލަށްލާން އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލާގައި ހުކުމްކޮށްފައިވަނީ އަފްސަން ލަތީފް ކިޔާ މީހަކަށެވެ. އޭނާ ވަނީ 27 އޮކްޓޯބަރ 2022 ވަނަ ދުވަހު ރޭ މަންމަ ދިރިއުޅޭ ގެޔަށް ގޮސް އޭނާގެ މަންމައާ ދިމާލަށް އިންޒާރުދިނުމުގެ ގޮތުން އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރު ދައްކާފައެވެ. އެގޮތުން މިމައްސަލައިގައި ވަނީ އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ދައުވާ އޭނަގެ މައްޗަށް ކުރެވިފައެވެ. ހަމައެހެންމެ، އޭނާ ކޯޓުގައި މި ދައުވާއަށް އިންކާރުކުރި ނަމަވެސް، އޭނާގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ތިން ހެކިންގެ ހެކިބަސް ވަނީ ނަގާފައެވެ. އަފްސަން ލަތީފްގެ މަންމަ ކޯޓުގައި ހެކިބަސްދެމުން ބުނެފައިވަނީ އިންޒާރު ދިން ދުވަހު އޭނާގެ ދަރިފުޅުކައިރީ މަސްތުވާތަކެތި ބޭނުންކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެގޮތަށް ބުނުމުން ކާން ހުރި ހުރިހާ އެއްޗެއް މޭޒު މައްޗަށް ޖަހާފައި، މަސްތުވާތަކެތި ބޭނުންނުކުރާކަމަށް ބުނެ "ތިމަންނަ ހިތަށް އަރައޭ މީނާ މަރާލާނަމޭ، މީނަ މަރާލާފައޭ ތިމަންނަ ޖަލުގައި އިށީންނާނީ" މިފަދައިން ބުނެފައިވާ ކަމަށެވެ. އަދި އަބަދުވެސް މިބާވަތުގެ އެއްޗެހި ކިޔައި ބިރު ދައްކާ ކަމަށާއި އަބަދުވެސް ހުންނަންޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އިތުރަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ. އެގޮތުން އަފްސަންގެ މަންމަ އާއި އޭނަގެ އަންހެން ދަރިއެއްގެ އިތުރުން އޭނަގެ މާމަ ދަރިއެއްގެ ހެކި ބަސް ވަނީ ނަގާފައެވެ. މި މައްސަލައާއި ގުޅިގެން މިދިޔަ ބުދަ ދުވަހު އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ދައުލަތުން ކުރި އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ދައުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށެވެ. އެހެންކަމުން އަފްސަން ލަތީފްގެ މައްޗަށް 2 މަހާއި 3 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމެއް ވަނީ އިއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ