މާލޭގެ ހުރިހާ މަގުތަކެއް ހަދަން ފެށުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި އެ މަޝްރޫއުއަށް ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދަކީ މާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން ކަމަށެވެ.
"އެއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. ހަރަދުގެ ގޮތުން ވެސް ވަރަށް ބޮޑު ވާނެ. އަޅުގަނޑުމެން އެސްޓިމޭޓްކޮށްފައި އޮތް ގޮތުން 100 މިލިއަން ޑޮލަރު ދާނެ އެ މަޝްރޫއަށް،" މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަކީ ވަކި ދިމާތަކުން ހައްލެއް ހޯދުމަށް ވުރެ މުޅި މާލެ އިން އެއްކޮށް ހައްލު ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރާނެ ކަމެއްކަމަށެވެ.
" މީގެކުރިން ފެން ބޮޑުވުމުގެ ހާދިސާއެއް ދިމާވެދާނެ ކަމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރާނަން. ވަގުތީ ގޮތުން ގެންނަން ޖެހޭ ހައްލުތައް ގެންނާނަން. ޕަމްޕުތައް ހޯދާފައި އެއަށް ތައްޔާރުވެގެން އަޅުގަނޑުމެން ތިބޭނީ. އެފަދަ ގެއްލުންތަކެއް ނުލިބޭނެ ގޮތަށް ކަންތައް ކުރެވޭތޯ އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން،" މިނިސްޓަރު ޑރ. މުއްތަލިބް ވިދާޅުވިއެވެ.
މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވެސް ވިދާޅުވެފައި ވެއެވެ.