މާލެ: 31°C
މާލޭ ސަރަހައްދުގައި މިދިޔަ 2 މަހު އެކަނި 600 އެކްސިޑެންޓް!

މާލޭ ސަރަހައްދުގައި މިދިޔަ 2 މަހު އެކަނި 600 އެކްސިޑެންޓް!

March 7, 2024
3 ފަހަރު ބަލާފައި
މާލޭ ސަރަހައްދުގައި މިދިޔަ 2 މަހު އެކަނި 600 އެކްސިޑެންޓް!

މާލެއާއި ހުޅުމާލެއިން ހިމެނޭހެން މިދިޔަ 2 މަހު އެކަނިވެސް 600 އެކްސިޑެންޓު ހިނގާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މާލޭ އޭރިއާ 1ގެ ވިންގް ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ މިދިޔަ 2 މަސް ދުވަހުގެ ތެރޭ މާލެއިން އެކްސިޑެންޓުވެގެން 450 މައްސަލަ ހުށައަޅާފައިވާ ކަމަށެވެ.

ސަމީރު ވިދާޅުވީ ޢާންމުކޮށް އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވަނީ ގަވާއިދާ ހިލާފަށް އޯވަޓޭކްކުރުމާއި ބުރިޖާއި ހައިވޭގައި ޒިގްޒެގްކޮށް ދުއްވުންކަމަށެވެ. އަދި ބާރު ސްޕީޑުގައި ދުއްވުމަށް ކަނޑައަޅާފައިވާ ލޭން ނޫން އެހެން ލޭނަކުން ދުއްވުމުން އަނެކާއަށް ލިބޭ ސިހުމަކުން ވެސް އެކްސިޑެންޓުތައް ހިނގާފައިވާ ކަމަށާއި އޯވަރޓޭކްކުރާއިރު ފަރުވާކުޑަކުރުމާއި ތާރު އަޅާފައިވާ މަގުތަކުން ޔޫޓާން ނެގުމުގެ ސަބަބުން ވެސް އެކްސިޑެންޓް ހިނގާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ސަމީރު ވިދާޅުވިއެވެ.

"ޤަވައިދާ ޚިލާފަށް އުޅަނދު މަގުގައި ޕާކުކޮށްފައި އޮތުމުން ދުއްވާ އުޅަނދަށް ފެންނަންވާ ވަރަށް މަގު ސާފުކޮށް ފެންނަން ނެތުމުގެ ސަބަބުން ވެސް އެކިސްޑެންޓް ހިނގަން މެދުވެރިވާކަން، ހިނގާފައިވާ އެކްސިޑެންޓުތަކުން ފާހަގަވޭ." ސަމީރު ވިދާޅުވިއެވެ.

ހުޅުމާލޭގައި ހިނގާފައިވާ އެކްސިޑެންޓުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ވިދާޅުވީ ހުޅުމާލޭގައި ކަންބޮޑުވާ ދަރަޖައަށް އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ބޮޑެތި މަގުތައް ކަމަށްވާ ނިރޮޅު މަގާއި ހިތިގަސް މަގާއި ރީތިގަސް މަގުގައި އެކްސިޑެންޓު ހިނގާ މިންވަރު އިތުރުވެފައިވާކަމަށް ރަޖުނީ ޝުއައިބު ފާހަގަކުރެއްވިއެވެ.
ބޮޑެތި އެކްސިޑެންޓްތައް ހިނގަން މެދުވެރިވަނީ ބައެއް ފަރާތްތަކުން ދުއްވުމާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގެ ގަވާއިތަކާ ޚިލާފުވާތީކަން ރަޖުނީ ފާހަގަ ކުރެއްވިއެވެ. އެ ގޮތުން ދުއްވަން ހުއްދަ ސްޕީޑަށް ވުރެ ބާރަށް ދުއްވުމާއި، ޔޫޓާން ނަގަން ނުހުންނަ ސަރަހައްދުތަކުން ޔޫޓާން ނެގުން އޭނާ ފާހަގަ ކުރައްވައި، އެކަންކަން ނުކުރުމަށް އިލްތިމާސްކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ