އެމަނިކުފާނު މިހެން ވިދާޅުވީ، ރާޅުގަނޑު ސަރަހައްދުގައި މިރޭ ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ މާލޭ ރައްޔިތުންނަށް ފްލެޓާއި ގޯތި ދިނުމުގެ ސިޔާސަތެއް މި ސަރުކާރުގައި ނެތް ކަމަށެވެ.
"ރައީސް ޞާލިހު އެ ވިދާޅުވާ ގޯތި އަދި އޮތީ ކަނޑު އަޑީގައި. ގާދޫކޮލުން ބޭރުން މިއޮތް ވާދޫ ކަނޑުގައި ކަޑަ ޖެއްސެވިޔަސް ރަނގަޅުވާނެ. މާ ޖާގަ ބޮޑުވާނެ. އަލިހުރަސް ކަނޑުވެސް އެބައޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، މިއީ ވޯޓު ހޯދަން ދައްކަވާ ވާހަކައެއްނޫން ކަމަށާއި މިއީ ހަޤީޤަތް ކަމަށެވެ.
"މިއީ އޮޅުވާލައިގެން ވޯޓު ހޯދަން ދައްކާ ވާހަކައެއް ނޫން. ވޯޓަކާ މިކަމަކާ ގުޅުމެއް ނެތް، މި އަހަރުގެ މެދަށް އަންނައިރުގައި އަޅުގަނޑުވީ ވައުދާ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ގޯތި ކަނޑައި ދޭނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
https://twitter.com/Simwarr/status/1613606201656504320ރައީސް ނަޝީދު މި ސަރުކާރުގެ ޝިއާރަކީ "އަންނަނީ އަންނަނީ" ކަމަށެވެ.
"މި އަންނަ ކުއާޓަރުގައި އަންނަނީ. ދެން އަންނަ ކުއާޓަރުގައި އަންނަނީ. މި ފިލްމެއް ނުފެނުނު. ހަމަ އަންނަނީ. އޮލިމްޕަސް ހުޅުވާ ވާހަކަ އަންނަތާ ފަސް އަހަރު. އެއީ ރައީސް ނާސިރު ހަދާ ފައްކާ ކޮށްފައި ހުރި ތަނެއް. ކުލަލާފައި ބޮކި ދިއްލަން އަންނަނީ އަންނަނީގައި މިދަނީ ފަސް އަހަރު،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފްލެޓު ދޭނެ ކަމަށް ރައީސް ޞާލިހު އިއްޔެވެސް ބުނެފައިވެއެވެ.






