މާލޭގެ މަގުތަކަށް ގޭގެއިން ގިނަ އަދަދަކަށް ކުނި ނެރެ، މަގުތަށް ގޮނޑުކުރާ މައްސަލާގައި މިހާތަނަށް 100 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލް އިން ބުނެފި އެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ މާލެ ސަރަހައްދުގެ އެކި ތަންތަނަށް ކުނި އަޅައިގެން މިދިޔަ މަހުން ފެށިގެން 100 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ޖޫރިމަނާ ކުރަނީ ކޮންމެ މީހަކު 500ރ. އިންނެވެ. މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި 16 ދުވަސް ތެރޭގައި ސިޓީ ކައުންސިލުން އެކަނި ވެސް މާލޭގެ އެކި ސަރަހައްދުތަކުން 222.5 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.
ރޯދައަށް ގެތަށް ސާފުކޮށް ބާ މުދާ މަގުތަކަށް އެއްކޮށްކޮށް މާލޭގެ ހުރިހާ ހިސާބެއްގައި ވެސް ގިނަސަރަހައްދުތަކެއް ވަނީ ވަރަށް ބޮޑަށް ގޮނޑުކޮށްފައެވެ. ކުނިގިނަވެ މެވްކޯއިން ހިލޭ ކުނި އުކުމުގެ ޕްރޮގްރާމެއް ވެސް ހިންގިއެވެ. މާލޭގެ މަގުތަކުގެ ކުނި ނެގުމަކީ މިހާރު މާލެ ސިޓި ކައުންސިލުން ބަލަހައްޓަމުންދާ ކަމެކެވެ.
މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކު ތަކާއި އާންމުތަންތަނާއި ބަނދަރުތަކާއި ވިޔަފާރި ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. އެފަދަ ތަންތަނަށް ކުނި އަޅާ ނަމަ ކައުންސިލުން ޕޮލިހަށް މައްސަލަ ހުސަހަޅަން ޖެހެއެވެ.







