މާލެ: 31°C

މާލޭގެ މަގުތަކުގައި 48 ޓަނުގެ ކުނި!

January 4, 2023
2 ފަހަރު ބަލާފައި
މާލޭގެ މަގުތަކުގައި 48 ޓަނުގެ ކުނި!
މާލޭގެ މަގުތަކުގައި 48 ޓަނުގެ ކުނި!
މާލޭގެ މަގުތަކާއި އާއްމު ތަންތަނަށް ދުވާލަކު 48 ޓަނަށް ވުރެ ގިނަ ކުނި އަޅާކަން، މަގުތަކުން ކުނި ނަގަން މާލޭ ސިޓީކައުންސިލުން ،ކުރަމުން އަންނަ މަސައްކަތުން އެނގިއްޖެ އެވެ. މާލޭ ސިޓީކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރޭ ދަންވަރު 12 އިން ފެށިގެން ހެންދުނު 6:00 އާ ހަމައަށް އެ ކައުންސިލުގެ މުވައްޒަފުން ކުރި މަސައްކަތުން 48.15 ޓަނުގެ ކުނި މާލޭގެ މަގުތަކުން  ނަގާފައިވާ ކަމަށެވެ. [embed]https://twitter.com/MaleCitymv/status/1610527182123839488?s=20&t=pc_ceWcniU7Smczjw72YwQ[/embed] މާލޭގެ މަގުތަކަށް ކުނި އަޅަމުން ދާތީ މާލޭ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މާލޭގައި އާނމުކޮށް ކުނިއަޅާ ކަމަށް ފާހަގަކުރެވޭ ތަންތަނުގެ ލިސްޓެއް ވެސް ސިޓީކައުންސިލުން މީގެ ކުރިން އާއްމުކުރި އެވެ. އެ ލިސްޓްގައި ޖުމްލަ 18 ތަނެއް ފާހަގަކޮށްފައި ވެ އެވެ. [embed]https://minivan.mv/76669/[/embed] އާއްމުކޮށް ކުނި އަޅާކަން ފާހަގަކުރެވޭ ތަންތަނުގެ ލިސްޓާ އެކު މާލޭ ސިޓީކައުންސިލްގެ މީޑިއާ ގްރޫޕަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ފޮނުއްވި މެސެޖްގައި އެދިވަޑައިގެންނެވީ އާއްމު ތަންތަނުގައި ކުނިބަހައްޓާތަން ފެނިއްޖެ ނަމަ ނަސޭހަތްދޭން އެދިވަޑައިގަންނަވާ ކަމަށެވެ. ނަސޭހަތްދީގެން ވެސް ނުހުއްޓުވޭ ނަމަ ފޮޓޯއާ އެކު ސިޓީކައުންސިލަށް ނުވަތަ ސީދާ އޭނާއަށް އެ މައްސަލަ ހުށަހެޅުމަކީ ވެސް މުއިއްޒު ވިދާޅުވި ގޮތުގައި އާއްމުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމެކެވެ. މާލެއާއި ވިލިމާލޭގެ މަގުތަކާއި އާއްމު ތަންތަން ކުރިން ސާފުކުރަމުން އައީ، ސިޓީ ކައުންސިލާ އެކު އޮތް އެއްބަސްވުމެއްގެ ދަށުން ވެމްކޯއިންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ޑިސެމްބަރު 26 ގައި ހަމަވި އިރު ސިޓީކައުންސިލުން ވަނީ އެ އެއްބަސްވުން އާ ނުކޮށްފަ އެވެ. އެހެންވެެ މަސައްކަތް މިހާރު ކުރަން ޖެހިފައި ވަނީ ސިޓީކައުންސިލަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ