މާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވާތީ، ކާނުތައް ސާފުކުރުމުގެ މަސައްކަތް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން މިއަދު ފަށައިފި އެވެ.
މިނިސްޓްރީން ބުނީ މިއީ މާލޭގެ ހުރިހާ މަގެއްގައި ކާނުތައް ސާފުކުރުމަށް އެ އިދާރާއިން ކުރާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. ސަބަބަކީ ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ އާންމު ރައްޔިތުންނަށް އެ ކަމުގެ އުނދަގޫ ކުރިމަތިލާންޖެހޭތީ، ސިފައިންނާއި، ފުލުހުން އަދި މިނިސްޓްރީން ނުކުމެ މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ދޭތެރެދޭތެރެއިން ކުރަންޖެހުމަށް ހައްލެ ގެނައުމުގެ ގޮތުން ކުރެވޭ މަސައްކަތެއް ކަމަށެވެ.
ވާރޭވެހުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މިހާރަށް ވުރެ ބޮޑަށް ކުޑަކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދާއި ލަފާފުޅުގެ މަތިން ކުރިއަށްދާ މި މަސައްކަތް މިއަދު ފަށާނެކަމަށް އާދަމް ޝަރީފް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކުރައްވާފަ އެވެ.







