މާލެ: 31°C
މާލޭ ފަޅު ހިއްކައި ޕަމްޕް ސްޓޭޝަން ބަދަލުކުރަން، ސްޓެލްކޯ އިން 7 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މާލޭ ފަޅު ހިއްކައި ޕަމްޕް ސްޓޭޝަން ބަދަލުކުރަން، ސްޓެލްކޯ އިން 7 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

January 17, 2024
3 ފަހަރު ބަލާފައި
މާލޭ ފަޅު ހިއްކައި ޕަމްޕް ސްޓޭޝަން ބަދަލުކުރަން، ސްޓެލްކޯ އިން 7 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި
މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް އެ ތަނުން ނަގައި، އެ ދިމާލުން ފަޅުން ބައެއް ހިއްކުމަށްފަހު، އެތަނުގައި އައު ފިއުލް ޕަމްޕު ސްޓޭޝަނެއް ހެދުމަށް ސްޓެލްކޯއާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެން ފަހުމީއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދުއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުސައިން ފަހުމީ ވިދާޅުވީ ޕަމްޕް ސްޓޭޝަން ނެގުމުގެ މަސައްކަތް ކުރަނީ 7.1 މިލިއަން ރުފިޔާ އަށް ކަމަށާއި ޕަމްޕް ސްޓޭޝަން ނެގުމަށް ރާވާފައިވަނީ އީއައިއޭ އެޕްރޫވް ވާތާ 60 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި ސްޓެލްކޯ އިން ދެމުންދާ ހިދުމަތްތަކަށް ބުރޫ ނާރާ ގޮތަށް މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދާނީ އެ ކުންފުނިން މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތަށް ކަމަށެވެ. "އަޅުގަނޑުމެން މި މަސައްކަތް ކުރާނީ މިހާރު ދެމުންދާ ޚިދުމަތަށް އެއްވެސް ދަތިކަމެއް ނާންނަ ގޮތަށް ދުރައިލާ ޕްލޭންތަކެއް ރާވައިގެން،" ފަހުމީ ވިދާޅުވިއެވެ. އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ މަސައްކަތް ފެށުމަށް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ވެސް އެބަހުރި ކަމަށާއި އެންމެ ފުރަތަމަ މަސައްކަތާ ގުޅޭ ސާވޭ ހަދަންޖެހޭ ކަމަށެވެ. އެއަށްފަހު ސްޓޭޝަން ނެގުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. "އަޅުގަނޑުމެން ސާވޭ ހެދުމަށްފަހު ޝީޓް ޕައިލްކޮށް، ޕްލެޓްފޯމް ހަދަންޖެހޭ ފެނުގައި، އެ ތަނަށް ހަދަން ޖެހޭ ސްޓްރަކްޗާގެ މަސައްކަތްކޮށް، މެޝިނަރީޒް ބަދަލުކުރުމަށްފަހު ޑިމޮލިޝް ކުރާނީ، ޕޭވިންސް އާއި އެއްޗެހި ރަނގަޅުކޮށް، މަގު ރަނގަޅު ފެންވަރަކަށް ގެންނާނީ އޭރުން ރައްޔިތުންނަށް މަގު ބޭނުންކުރަން ފެސޭހަވާނެ" އަބްދުﷲ ޒިޔާދު ވިދާޅުވިއެވެ. ނަމަވެސް އާ ޕަންޕު ސްޓޭޝަން އެޅުމަށް ފަޅުން ހިއްކާ ބިމާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި ޕަމްޕް ސްޓޭޝަނަކީ ސްޓެލްކޯގެ މާލޭ އިންޖީނުގޭގެ އިންޖީނުތަކަށް ތެޔޮ އަޅަން ބޭނުން ކުރާ ސްޓޭޝަނެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ