މާލެ ސިޓީގައި ލާމަރުކަޒީ ފުރިހަމައަށް ތަންފީޒު ނުވާ ކަމުގައި މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ ސަންގު ޓީވީގެ "ޚަބަރަށް ފަހު" ޕްރޮގްރާމުގައި މާލެސިޓީގެ އިޙްތިޞާސްގެ ދަށުގައިވާ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލާއި ހަވާލު ކޮށްފައިނުވާތީ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ ސިޓީގެ އަވަށެއް ކަމުގައިވާ ހުޅުމާލޭގެ ވަރަށް މަދު ކަމެއް ނޫނީ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިނުވާ ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ ވައިޓަލް ސާރވިސް ފޯރުކޮށްދިނުމާއި ސަހަރާ އަދި މިސްކިތްތައް ބެލެހެއްޓުން ފަދަ މަދު ކަންކަން ކަމަށެވެ.
"މިސާލަކަށް ހުޅުމާލޭގައި އަމިއްލަ ފަރާތަކުން މިސްކިތެއް ހަދާފާނެ. އަޅުގަނޑުމެންނަށް ސަރުކާރުން އަންނާނީ ސިޓީއެއް މިހާރުން ފެށިގެން މިސްކިތާއި ހަވާލުވާށޭ. ނާންނާނެ މިކަމާއި ގުޅިގެން ބަޖެޓް އިމްޕްރޫވްމަންޓެއް. އެއާއި ގުޅިގެން މީހުން ނަގާކަށް ވެސް. އެހެން ހަމަ ހުރިހާ ކަމެއް ވެސް މިދަނީ" މުއިއްޒު ވިދާޅުވިއެވެ.“މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ އެއްބާރުލުން ސިޓީ ކައުންސިލަށް ނުލިބެނީ ވަރަށް ކުދިކުދި ކަންކަމުގައި ކަމަށާއި އެއީ ސަރުކާރުގެ ތެރޭގައި ހައްލުވާނެ ޖެހޭނެ ކަންކަން ކަމަށެވެ.
މާލެސިޓީގެ އިޙްތިޞާސްގެ ތެރޭގައި މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭއިރު ދެ ކަމެއް ފިޔަވާ ހުޅުމާލޭގެ މުނިސިޕަލް ކަންކަން ބަލަހައްޓަމުންދަނީ ސަރުކާރުގެ ކުންފުނި އާބަންކޯ އިންނެވެ. މިކަމާއި ގުޅިގެން މީގެ ކުރިންވެސް މުއިއްޒު އާއި ހުރިހާ ކައުންސިލަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންނަމަވެސް އަދިވެސް މިކަމަށް ހައްލެއް ލިބިފައިނުވެއެވެ.







