މާލެ: 31°C

މާލޭ ސިޓީކައުންސިލަށް ފުލުހުންގެ ސްޕެޝަލް ކޮންސްޓެބިއުލަރީ ހިދުމަތް ދިނުން ހުއްޓާލައިފި

February 23, 2023
2 ފަހަރު ބަލާފައި
މާލޭ ސިޓީކައުންސިލަށް ފުލުހުންގެ ސްޕެޝަލް ކޮންސްޓެބިއުލަރީ ހިދުމަތް ދިނުން ހުއްޓާލައިފި
މާލޭ ސިޓީކައުންސިލަށް ފުލުހުންގެ ސްޕެޝަލް ކޮންސްޓެބިއުލަރީ ހިދުމަތް ދިނުން ހުއްޓާލައިފި
މާލޭ ސިޓީ ކައުންސިލަށް ސްޕެޝަލް ކޮންސްޓެބިއުލަރީ ހިދުމަތްދޭން ފުލުހުންގެ އިދާރާއާއި އެކައުންސިލާ ދެމެދު އޮތް އެެއްބަސްވުން ފުލުހުން ބާތިލުކޮށްފި އެވެ. މާލޭ ސިޓީކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސްޕެޝަލް ކޮންސްޓެބިއުލަރީގެ ހިދުމަތް ދިނުމުގެ އެއްބަސްވުން ފުލުހުންގެ އިދާރާއިން ބާތިލުކުރީ ހައިރާން ކުރުވަނިވި ގޮތަކަށް " ކުއްލިއަކަށް" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފުލުހުން އެ އެއްބަސްވުން ބާތިލުކުރީ ސިޓީކައުންސިލާ މަޝްވަރާ ނުކޮށް ކަަމަށާއި ހައިރާން ކުރުވަނިވި ކަމަކަށް އެކަން ވީ އެހެންވެ ކަމަށެވެ. "ހައިރާންކުރުވަނިވި ކަމަކަށް ވަނީ މަޝްވަރާއެެއް ކުރުމެއް ނެތީމާ. އެއްވެސް މަޝްވަރާއެއް އަޅުގަނޑުމެންނާ ނުކޮށް، އެގްރިމެންޓް މިހާރު ބާތިލުވެއްޖެ، ތިމަންނަމެން މިހާ ހިސާބުން މި ނިންމާލިއްޔޭ. ރެއިން ފެށިގެން ބާތިލޭ [އެންގީ] މުއިއްޒު ވިދާޅުވި އެވެ. އެހެން ނަމަވެސް މުއިއްޒު ވެސް އެއްބަސްވެވަޑައިގެންނެވި ގޮތޮގައި ދެ މަސް ވަންދެން ފައިސާ ނުދެއްކިއްޖެ ނަމަ އެއްބަސްވުން ބާތިލުުކުރެވޭނެ މާއްދާއެއް، ފުލުހުންނާ ސިޓީ ކައުންސިލާ ދެމެދު އޮތް އެއްބަސްވުމުގައި އޮތެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ އެކުގައި މަސައްކަތް ކުރަމުން އަންނަ އިރު ފުރަތަމަ ވެސް އެއްބަސްވުން ބާތިލުކުރުމުގެ އޮޕްޝަނަށް ދިއުމަކީ ރަނގަޅު ރޫހެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މައްސަލައެެއް ނެތް، ދެ މަސްދުވަހު ފައިސާ ނުދެއްކި އޮވެދާނެ. އެކަމަކު އޭގެ ހަގީގަތްތަކެއް ވެސް ހުންނާނެތާ ދެއްތޯ؟" މުއިއްޒު ވިދާޅުވި އެވެ. އިއްޔެގެ ބައްދަލުވުމުގައި މާލޭ ސިޓީކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލު ވިދާޅުވީ ފުލުހުންނަށް ދައްކަން ޖެހޭ ފައިސާ ކުރިން ދައްކަމުން އައި ފަސޭހަ ނިޒާމަކުން ކަމަށާއި އެއީ އެހެން ނަމަވެސް ލޯކަލް ގަވާނެންސް އޮތޯރިޓީ (އެލްޖީއޭ) އިން ހަމަ ޖެއްސީ އެ އޮތޯރިޓީގެ "ވިޔަ މޮޑިއުލް" ނަމަކަށް ކިޔާ ނިޒާމެއް ބޭނުންކޮށްގެން ފައިސާ ދައްކާ ގޮތަށް ޖޫން އެކެއްގައި ބަދަލުވި ކަމަށެވެ. ކުރިން ބޭނުންކުރަމުން އައި މޮޑިއުލްގައި ޖެހެނީ ދައުލަތުގެ އެއް އިދާރާއެއްގެ ފައިސާ، އަނެއް އިދާރާއެއްގެ ކޯޑަށް ބަދަލުކޮށްލުމުން ފުދޭ ނިޒާމެކެވެ. އެކަމަކު އެލްޖީއޭގެ ވިޔަ މޮޑިއުލްގައި ސިޓީ ކައުންސިލުން ޖެހެނީ ވަކި އެކައުންޓެއް ހުޅުވައި އެ އެކައުންޓުން އެހެން އިދާރާތަކަށް ފައިސާ ޓްރާންސްފާ ކުރަން ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ. އެކަން އެގޮތަށް ބަދަލުވުމުން، ޕޮލިސް ކޮންސްޓެބިއުލަރީގައި އިސްކޮށް އުޅުއްވާ އޮފިޝަލާ އެ ވާހަަކަ ދައްކައި، ފުލުހުންނަށް ފައިސާ ފޮނުވޭނެ ގޮތް އޮޅުންފިލުވައިދޭން އެދިފައިވާނެ ކަަމަށް ވެސް އޭނާ ދާޅުވި އެވެ. "އަޅުގަނޑު ފުރަތަމަ ވެސް އެ ބޭފުޅުންގެ [ތެރެއިން] އަޅުގަނޑުމެންނާ އެއްކޮށް މަސައްކަތްކުރާ ޓީމުގައި ލީޑްކުރައްްވާ ބޭފުޅާ އާ އެއްކޮށް އަޅުގަނޑު އިށީނދެފައި އެހިން ކިހިނެތް ހޭ މިހާރު ތިޔަ ބޭފުޅުން މިހާރު ފައިސާ ހޯއްދަވަން ވިސްނާފައި ތިޔަ އޮތީ. އަޅުގަނޑުމެންނަށް ކުރިން ޓްރާންސްފާ ކުރާ ގޮތަކަށް މިހާރު ފައިސާއެއް ޓްރާންސްފާއެއް ނުކުރެވެޔޭ. އެކެއް ޖޫންގައި މިއޮތީ ބަދަލުވެފައޭ. އެހެންވީމާ ތިޔަ ބޭފުޅުން ފައިސާ ޓްރާންސްފާ ކުރެވޭނެ މެތަޑް އަަޅުގަނޑުމެންނަށް ކިޔައިދެއްވާށޭ،"މުޖުތަބާ ވިދާޅުވި އެވެ. އެގޮތަށް ވާހަކަ ދެއްކެވުމުން ، އެ މައުލޫމާތު ދެއްވާނެ ކަމަށް އޮފިސަރު ވިދާޅުވި ކަމަށާއި އެހެން ނަމަވެސް އެ މައުލޫމާތު ފަހުން ނުލިބޭ ކަމަށާއި އެގޮތަށް ތިން ހަތަރު މަސް ފާއިތުވެ ދިޔައިމާ އަނެއްކާ ފުލުހުންގެ ބަޖެޓާ ބެހޭ އޮފިޝަލުންނާ ބައްދަލުކޮށްގެން ވެސް އެވާހަކަ ދައްކަވާފައިވާނެ ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ. "އެ ބޭފުޅުން މި މީޓިން ނިންމާލާފައި ގޮސްފައި އެ ބޭފުޅުންގެ ރާގު ބަަދަލުވީ. އަޅުގަނޑުމެންނަށް އަންނަނީ ސިޓީއެއް މިހާވަރަށް [ފައިސާ] ޑިއު ވެފައި އެބަ އޮތޭ، ކޮންޓްރެކްޓްގައި އެބަ ބުނޭ ދެ މަސްދުވަހުގެ ތެރޭގައި މި ޕޭކުރަން ޖެހެޔޭ،" މުޖުތަބާ ވިދާޅުވި އެވެ. އޭރު  ފުލުހުންނަށް ދޭން އޮތީ 3.5 މިލިޔަން ރުފިޔާ ކަމަށާއި އެމްއެމްއޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ފުލުހުން ޖަމަ ޖެއްސުމުން އޭގެ ތެރެއިން 1.5 މިލިޔަން ރުފިޔާ މިހާރު ދައްކާފައި ވާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ