މާލެ: 31°C
މާލެއާ ހުޅުމާލެއާ ދެމެދު އަޅާފައިވާ ކަރަންޓް ވިއުގައަށް ގެއްލުން ވެދާނެތީ ސްޓެލްކޯގެ ކަންބޮޑުވުމެއް

މާލެއާ ހުޅުމާލެއާ ދެމެދު އަޅާފައިވާ ކަރަންޓް ވިއުގައަށް ގެއްލުން ވެދާނެތީ ސްޓެލްކޯގެ ކަންބޮޑުވުމެއް

March 24, 2024
3 ފަހަރު ބަލާފައި
މާލެއާ ހުޅުމާލެއާ ދެމެދު އަޅާފައިވާ ކަރަންޓް ވިއުގައަށް ގެއްލުން ވެދާނެތީ ސްޓެލްކޯގެ ކަންބޮޑުވުމެއް
މާލެއާ ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލުމަށް ގާއިމްކޮށްފައިވާ ގްރޭޓާ މާލެ އިންޓަރކަނެކްޝަން ގްރިޑް ހިމެނޭ ސަރަހައްދަށް އެކި ކަހަލަ ޕޯސްޓަރު ބެނާތައް ޖެހުމަށްޓަކައި ދަގަނޑުހޮޅި ބިމަށް ޖަހާތީ އެކަން އެގޮތަށް ނުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ. މިކަމާއި ގުޅޭގޮތުން ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގްރޭޓާ މާލެ އިންޓަރކަނެކްޝަން ގްރިޑް ހިމެނޭ ކޭބަލްތަކުގެ މައްޗަށް އެކި ހަރަކާތްތައް ބޭއްވުމަށާއި އެކިކަހަލަ ޕޯސްޓަރުތަކާއި އިސްތިހާރުތައް ޖެހުމަށްޓަކައި ދަގަނޑުފަދަ ތަކެތި ޖަހަމުންދާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. މި ވިއުގައިގައި ހިމެނޭ ކޭބަލްތައް އަޅާފައިވަނީ އުސްފަސްގަނޑު ސަރަހައްދުންގޮސް ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް ހުޅުމާލެ އިންޖީނުގޭގައި ގާއިްމކޮށްފައިވާ 132 ކޭވީ ސަބްސްޓޭޝަނާ ހަމަޔަށް ކަމަށެވެ. މި ސަރަހައްދުގައި އަޅާފައިވާ ކޭބަލްތަކަކީ 200 މެގަވޮޓާ ހަމަޔަށް ކަރަންޓް އެއް ސަބްސްޓޭޝަނުން އަނެއް ސަބްސްޓޭޝަނަށް ގެންދިއުމުގެ ގާބިލުކަން ލިބިގެންވާ ވިއުގައަކަށްވާއިރު، މިއީ މިވަގުތު ރާއްޖޭގައި ބޭނުންކުރާ މިފަދަ ހަމައެކަނި ވިއުގައެވެ. ސްޓެލްކޯއިން ބުނީ، މިވަގުތު މާލެއަށް ބޭނުންވާ ކަރަންޓުގެ ބޮޑު އިންސައްތައެއް ހުޅުމާލެއިން މާލެއަށް މި ވިއުގަ މެދުވެރިކޮށް ފޯރުކޮށްދެމުންދާއިރު، މި ވިއުގައަށް ގެއްލުން ވެއްޖެނަމަ މަރާމާތުކުރަން ގިނަ ވަގުތުތަކެއް ހޭދަވެ، މިކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭނޭ ކަމަށެވެ. އަދި މިއީ އެނަރޖައިޒް ކޮށްފައިވާ ވިއުގައަކަށްވުމުން މި ވިއުގައިގައި ހިމެނޭ ކޭބަލަށް ދަގަނަޑުފަދަ ތަކެތިން ގެއްލުމެއް ލިބިއްޖެނަމަ މިއީ އެ ދަގަނޑު ޖަހާ ފަރާތުގެ ފުރާނައަށްވެސް ނުރައްކާވެދާނެ ހާދިސާއެއް ހިނގާފާނެ ކަމެއްކަމަށް ސްޓެލްކޯއިން ބުނެއެވެ. މީގެ އިތުރުން މިވިއުގައަށް ގެއްލުމެއް ލިބިއްޖެނަމަ މާލެ ސަރަހައްދަށް ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތަށް ބުރޫއަރައި، އެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ދަތިތަކެއް ކުރިމަތިވާނޭކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ