މާލެ: 31°C
މޯލްޑިވިއަންގެ ދަތުރުތައް އަނެއްކާވެސް އޮޅުދޫކަރައަށް

މޯލްޑިވިއަންގެ ދަތުރުތައް އަނެއްކާވެސް އޮޅުދޫކަރައަށް

April 26, 2024
3 ފަހަރު ބަލާފައި
މޯލްޑިވިއަންގެ ދަތުރުތައް އަނެއްކާވެސް އޮޅުދޫކަރައަށް
މޯލްޑިވިއަންގެ ދަތުރުތައް އަނެއްކާވެސް އަވައްޓެރި ސްރީލަންކާ (އޮޅުދޫކަރަ) އަށް ފަށައިފިއެވެ. ޤައުމީ އެއާލައިންގެ ދަތުރުތައް ސްރީލަންކާގެ ކޮލަމްބޯއަށް ފަށާފައިމިވަނީ، ދެ އަހަރުދުވަހުގެ މެދުކަނޑުމަކަށް ފަހުއެވެ. ކޮލަމްބޯ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ރޭ ފަށާފައިވާއިރު، މި ދަތުރުތައް ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވިއަނުން ކޮލަމްބޯއަށް ކުރާ މި ދަތުރުގެ ޓިކެޓްގެ އަގަކީ 165 ޑޮލަރެވެ. ޓިކެޓް އަގުގެ ތެރޭގައި 30 ކިލޯ ބަގޭޖް އެލަވަންސް އަދި މީލްސް ހިމެނެއެވެ. https://twitter.com/MaldivianAero/status/1783576274168066098 މޯލްޑިވިއަނުން ކޮލަމްބޯއަށް ދަތުރުތައް ފެށުމާ ގުޅިގެން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވެފައިވަނީ، މި ދަތުރުތަކުގެ ސަބަބުން ލަންކާއަށް ބޭސްފަރުވާއަށް ދިއުމަށް ބޭނުންވާ ދިވެހިންނަށް ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށެވެ. މިގޮތުން ދަތުރުތައް ތާވަލްކޮށްފައިވާ ގޮތުން ހަފްތާ ބަންދަށް ދަތުރު ޝެޑިއުލްކޮށްލެވޭނޭކަން އޭނާ ފާހަގަކުރެއްވިއެވެ. މޯލްޑިވިއަންގެ މި ދަތުރުތަކުގައި ޓިކެޓް ނަގައިގެން ލަންކާއަށް ބޭސްފަރުވާއަށްދާ މީހުނަށް ނަވަލޯކާ ހޮސްޕިޓަލުން 15 އިންސައްތައިގެ ޑިސްކައުންޓް ލިބެއެވެ. މޯލްޑިވިއަނުން ކޮލަމްބޯއަށް ދަތުރުކުރަނީ އެ އެއާލައިނުގެ އެންމެ ބޮޑު ބޯޓް އެއާބަސް އޭ320 މަތިންދާ ބޯޓުގައެވެ. މޯލްޑިވިއަނުން އެންމެފަހުން ކޮޅުނބަށް ދަތުރުތައް ބާއްވާފައިވަނީ 2021 ވަނަ އަހަރެވެ. އެފަހަރު ކުރަމުން އައި ދަތުރުތައް ހުއްޓާލާފައިވަނީ ސްރީލަންކާގެ މަޝްރަހު ގޯސްވުމުގެ ސަބަބުންނެވެ. އޭގެފަހުން މޯލްޑިވިއަނުން ވަނީ ސްރީލަންކާގެ ރަތަމަލާން އެއާޕޯޓަށް 2022 ވަނަ އަހަރުގެ މާޗްމަހު ޝެޑިއުލް ދަތުރުތައް ބާއްވާފައެވެ. ނަމަވެސް އޭގެ އޭގެ ތިން މަސްފަހުން އެ ދަތުރުތައް ވަނީ ދަތުރުކުރާނެ މީހުން ނެތުމުންނާއި ސްރީލަންކާގެ އިގްތިސާދީ ހާލަތު ގޯސްވުމުގެ ސަބަބުން ހުއްޓާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ