މާލެ: 31°C

މެލޭޝިޔާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

މެލޭޝިޔާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި
May 22, 2023
2 ފަހަރު ބަލާފައި
މެލޭޝިޔާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި
މެލޭޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ބަދްލީ ހިޝާމް ބިން އާދަމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ. އެ ރަސްމިއްޔާތު ބޭއްވީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، މެލޭޝިޔާގެ އާ ސަފީރު މަގާމާއި ހަވާލުވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި މެލޭޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހްނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާކަމުގައި ވެސް ރައީސް ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވީ މިއަހަރަކީ ދިވެހިރާއްޖެއާ މެލޭޝިޔާގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރު ކަމަށާއި، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ބަދަހިގުޅުމުގެ މައްޗަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާާލާފައިވެއެވެ. އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެގައުމުގެ މެދުގައި އިގުތިސާދީ ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި، ދެގައުމުން ސޮއެކުރުމަށް ތައްޔާރުވަމުންދާ ޑަބަލްޓެކްސް އެވޮއިޑެންސް އެގްރީމެންޓް ފާހަގަކުރައްވާފައެވެ. އަދި ދެގައުމު މެދުގައި ނިމިފައިވާ، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ބަލައިގަތުމާއި ގުޅޭ އެއްބަސްވުމުގެ ސަބަބުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންނަށް ދަތުރުފަތުރު ކުރުމުގައި ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާކަން ވެސް ވަނީ ފާހަގަކުރައްވާފައެެވެ. ރައީސް ވަނީ ރާއްޖޭގެ އިދާރީހިންގުމުގައި ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް، މެލޭޝިޔާ ޓެކްނިކަލް ކޯޕަރޭޝަންގެ ތެރެއިން، މެލޭޝިޔާ ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ބައްދަލުކުރެއްވުން ނިންމާލައްވާފައިވަނީ ކުރިޔަށް އޮތްތަނުގައިވެސް ދެގައުމުގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން މުސްތަގބަލުގައި ވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އަރުވަމުންނެވެ. ދިވެހިރާއްޖެއިން މެލޭޝިޔާ އާއިއެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 1968 ގައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ