މަޖިލިސް ގަވައިދު ބުނާ ގޮތުން ރައީސް އާއި ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތެއްގައި ދެން ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން ކަނޑައަޅުއްވާނީ މަޖިލީހުގެ ރައީސް އެވެ.
އެގޮތަށް ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރުންގެ ތެރެއިން ފަސް މެންބަރެކެވެ. އޭގެން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.
މަޖިލީހުގެ ރިޔާސަތު އަފީފް އާ ހަވާލު ކުރެވުމުން ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު މެންބަރު ކަން ކުރައްވާފައި ވަނީ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ކަމަށް ވާތީ ރިޔާސަތުގައި އިންނަވަން ޖެހޭނީ އޭނާ އެވެ.
ރައީސްއާއި ނައިބް ރައީސްގެ މައްސަލައިގެ ގަރާރު މިއަދު ހުށަނާޅާތީ އެކަމާ ވެސް މެންބަރުން ދަނީ، ދެކޮޅު ހައްދަވަމުންނެވެ.އަދި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރަށް ތާއީދު ކުރާ މެމްބަރުން އަދި ބައެއް މިނިވަން މެމްބަރުން ނިޒާމީ ނުކުތާ ނަންގަވާތީ މަޖިލީހުގައި މިއަދު އެޖެންޑާ ކޮށްފަ އޮތް މަސައްކަތް ކުރިއަކަށްނުދެ އެވެ.
"އަޅުގަނޑު ހިތާމަ ކުރަނީ އިއްޒަތްތެރި ރައީސް ގާނޫނު އަސާސީއާ ތި ގޮނޑީގައި އިންނާތީ. ގާނޫނު އަސާސީއަށް ރުޖޫއަވެވަޑައިގަންނަވާ އަދި އަމީން އާންމު ވެސް ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ގާނޫނު އަސާސީއަށް ރުޖޫއަވެވަޑައިގަންނަވާށޭ" ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވި އެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސަނީފް ނިޒާމީ މައްސަލައެއް ނަންގަވާ، އަފީފް އަށް ނިސްބަތް ކުރައްވާ، މައިކުމެދުވެރިކޮށް " މޮގާބޭ" ކިޔުއްވަމުން ގެންދެވި އެވެ. އަދި މަޖިލީހުގައި އެއްއަޑަކުން އިދިކޮޅު މެންބަރުން އެގޮތަށް ގޮވާ އަޑުގަދަ ކުރައްވަމުން ގެންދެވި އެވެ. މެންބަރު ސަނީފް ވިދާޅުވީ " ރައީސް ނަޝީދު ވިދާޅުވެގެން އަރާ ތި އިންނެވީ މޮގާބޭ " ކަމަށެވެ. މަޖިލީހުގައި މަޖިލީހުގައި މިއަދު އެޖެންޑާގައި ފުރަތަމަ އޮތް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ސުވާލު ކުރުން ވެސް ކުރިޔަށް ނުގެންދެވުނެވެ. މަޖިލީސް ކުރިއަށް ނުގެންދެވިގެން، ރިޔާސަތުގައި އިންނެވި އަފީފް ވަނީ މަޖިލިސް މެދުކަނޑާ ލައްވާފައެވެ.






