ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޑިގްރީ ކޯހެއްގައި ކިޔަވާ ވިދާޅުވާން ފެއްޓެވުމަށް ބައިވެރިވެވަޑައިގެންފި އެވެ.
މިއީ އައިޔޫއެމް އާއި ރައްޔިތުންގެ މަޖިލީހާ މަޝްވަރާކޮށްގެން ކަނޑައެޅި، ކޯހަށް ޝަރުތު ހަމަވާ ޚާއްސަ އުސޫލެއްގެ ތެރެއިން ކުރިއަށްދާ ޕްރޮގްރާމެކެވެ. މި ކޯހަށް ޝަރުތުތައް ކަނޑައަޅުއްވާފައިވާ ގޮތާއި އެކްރެޑިޓްގެ އުސޫލުތައް އާންމުކޮށް އިއުލާންކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށްގެން އައިޔޫއެމްއިން ކުރިއަށްގެންދާ ޝަރީއާ އެންޑް ލޯ ކޯހުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ޕީއެންސީގެ 26 މެންބަރަކު ބައިވެރިވާކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އޭގެތެރެއިން 18 މެންބަރުން ބެޗްލާސް ޑިގްރީއަށް ކިޔަވާއިރު 8 މެންބަރުން ކިޔަވާނީ އެޑްވާންސް ސެޓްފިކެޓްގެ ކޯހެކެވެ.
މި ޕްރޮގްރާމްގެ ތެރެއިން މަޖިލިސް ރައީސް ބައިވެރިވެވަޑައިގެންފައިވަނީ ބެޗްލާސް ޕްރޮގްރާމްގަ އެވެ. އަދި އަންނަ ހަފުތާގައި ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުން ބައިވެރިވާ މިކޯސްތަކަށް ދައްކަންޖެހޭ ފައިސާ ދައްކަނީ އެ މެންބަރުން އަމިއްލައަށް ކަމަށް މައުލޫމާތު ލިބެ އެވެ.







