އެމްޑީޕީ އިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީއަކާ ގުޅިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތާރީހު ކަނޑައެޅުމުގައި އެ ޕާޓީ އާ އެކު އިތުރު މަޝްވަރާ ކުރާނެ ކަމަށް އީސީއިން ބުނެފިއެވެ.
ކުރިއަށް އޮތް އިންތިހާބުތަކާ ބެހޭގޮތުން މިއަދު އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ, ކުރިން ނިންމި ގޮތުން ނަމަ މިއަދު އިންތިހާބުގެ ތާރީހު އިއުލާނު ކުރާނެ އެވެ. އެހެން ނަމަވެސް އެކަން މަޑުޖައްސާލީ އެމްޑީޕީން އެ ކޮމިޝަނަށް ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ."އެ ސިޓީ ފޮނުވުމާ ގުޅިގެން ކޮމިޝަނުން މިއަދު ޕްރެސްއަށް އައުމުގެ ކުރިން މަޝްވަރާ ކޮށްފައި މިއައީ. ކޮމިޝަނުން ނިންމީ އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީއާ މަޝްވަރާ ކުރުމަށް ފަހު މި ހަފްތާގައި ގޮތެއް ނިންމަން," ހަބީބް ވިދާޅުވި އެވެ.
ހަބީބް ވިދާޅުވި ގޮތުގައި އިންތިހާބުގެ ތާރީހާ ގުޅޭގޮތުން އެމްޑީޕީ އާއެކު މަޝްވަރާ ކުރުމަށް މާދަމާ 11:30 ގައި ބައްދަލުވުމެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ހަބީބް ވިދާޅުވީ އިންތިހާބު ބާއްވާ ތާރީހު ކަނޑައަޅާނީ އާންމު ރައްޔިތުންނާއި ކެންޑިޑޭޓުންނަށް ފަސޭހަ ވާނެ ގޮތަކަށް ކަމަށެވެ.
ރޯދަ މަސް ތެރޭގައި ބާއްވައިފިނަމަ, ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ދަށްވެދާނެތީ އެކަމަށް ވިސްނައި, ކޮމިޝަނަށް ފެންނަ އެންމެ ރަނގަޅު ނިންމުމެއް ނިންމައި އިއުލާން ކުރާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބުގެ ތާރީހު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އީސީއަށް ލަފާ ދިނީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށެވެ. އެހެން ނަމަވެސް ރޯދައިގެ ފަހަށް އިންތިހާބު ލަސްކޮށްފި ނަމަ ދެ ވަނަ ބުރަކަށް ދާންޖެހޭ ހާލަތުގައި އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެތީ ދަތިވާނެ ކަމަށް ހަބީބް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.







